07 Oct 2016, 14:00
މުޙައްރަމް މަހުގެ ތާސޫޢާ ދުވަހާއި އާޝޫރާ ދުވަހުގައި ރޯދަހިފުން ފިޔަވައި އިތުރުކަމެއް ކުރާކަށް މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައި ނުވާކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޢާޝޫރާ ދުވަހާ ގުޅިގެން ނުވަތަ އެދުވަހު ވަކިކަމެއް ވަކި ގޮތަކަށް ކޮށްފިނަމަ ފައިދާތަކެއް ލިބޭކަމަށް ބައެއް ވާހަކަތައް ދެކެވެ އެވެ. ނަމަވެސް މިއަދުގެ ޚުތުބާގައި ބުނެފައި ވަނީ އެ ވާހަކަ ތަކަކީ އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.
އެގޮތުން ޢާޝޫރާ ދުވަހު ފެންވަރައި އަނދުންއެޅި މީހާ އެއަހަރުގެ ތެރޭގައި ލޮލުރޯގާއެއް ނުޖެހޭނެ ކަމަށް ބުނާވާހަކަ އާއި، އެދުވަހުގައި ބައްދަލުވާހާ ބަޔަކާ ސަލާންގަލާން ކުރުމުގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ހަދީސްފުޅެއް ނެތްކަމަށް ޚުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ޢާޝޫރާ ރޭގައި ޢާޝޫރާ ދުޢާ ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށާއި އެރޭ އަޅުކަންކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރުއާނުގެ ސޫރަތްތައް ކިޔެވުމާބެހޭ ގޮތުން ލޮބުވެތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ އެއްވެސް ޞައްޙަ ބަސްފުޅެއް ނެތްކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އިބްނު ތަމިއިއްޔާ ރަޙިމަހުﷲ ވިދާޅުވާ ގޮތުގައި ޢާޝޫރާ ވިލޭރެއަކީ އެއްވެސް ޙާއްޞަކަމެއް ލިބިގެންވާ ރެއެއް ނޫން ކަމަށާއި އެ ރޭގައި ވަކި ނަމާދެއް ކުރަން އަންގަވާފައި ނުވާކަމަށާއި، އެކަމާމެދު ވާހަކަފުޅު ދައްކަވަމުން ޢިލްމުވެރިން ވިދާޅުވަނީ ޢާޝޫރާ ދުވަހުގައި އަޅުކަމުގެ ގޮތުގައި ކުރާކަމެއްގެ ގޮތުގައި އެދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތްކަމަކަށް އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ އެގޮތަށް ކުރާ ގިނަ ކަންތައްތަކަކީ އިސްލާމްދީނާ ހިލާފަށްއުޅޭ ބައެއް މަޒްހަބުތަކުގެ އަހުލުވެރީންނާ މި ދީނުގެ ސުޝްމަނުން މި ދީނުގެ އަސްލު އުސޫލުތައް އޮޅުވާލުމަށްޓަކައި ދީނީ ކަންކަންކަމަށް ހަދައިގެން މުސްލިމުންގެ ތެރެއަށް ތައާރަފްކޮށްފައިވާ ކަންތައްތައް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ރަސޫލު ﷲގެފާނު ޢާޝޫރާ ދުވަހުގައި ރޯދަ ހޮފުން ވަނީ ސުންނަތެއް ކަމުގައި ލައްވާފައި ކަމަށެވެ. އެއީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ފިރްޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވި ކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން ކަމަށް ޚުތުބާގއި ބުންޏެވެ.
ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ސވާބު ބަޔާންކޮށް ޚުތުބާގައި ވަނީ ރަސޫލާ ގެ ޙަދީޘްފުޅެއް ހިމަނާފަ އެވެ. އެ ޙަދީޘްފުޅުގެ މާނައިގައި ވަނީ "ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ،" މިހެންނެވެ.