މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މަހު މުސާރަ އިން މިހާރު ކަނޑާ ހަތް ޕަސެންޓަކީ ބޮޑު އަދަދެއް ކަމަށާއި އެ އަދަދު 3.5 ޕަސެންޓަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު ބިލެއް ހުށަހަޅުއްވައިފި އެވެ.

މުއްތޮލިބު މިއަދު ހުށަހެޅުއްވި ބިލުގައިވާ ގޮތުގައި، މުސާރަ އިން ކަނޑާ ހަތް ޕަސެންޓާއި އަދި ވަޒީފާ ދޭ ފަރާތުން ކޮންމެ މުވައްޒަފަކަށް ދައްކަން ޖެހޭ ހަތް ޕަސަންޓު ވެސް 3.5 ޕަސެންޓަށް ކުޑަކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އޭރުން މަހަކު ޕެންޝަނަށް ދައްކަން ޖެހޭނީ 14 ޕަސަންޓުގެ ބަދަލުގައި ހަތް ޕަސަންޓެވެ.

އެ ބިލުގައި ވަނީ، ޕެންޝަން ސްކީމްގައި ބައިވެރިވުން އެމީހެއްގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލުމަށް ވެސް ހުށަހަޅައިފަ އެވެ.

މުއްތޮލިބު މިއަދު ހުށަހެއްޅުއްވި ބިލާ ބެހޭ ގޮތުން ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ޕެންޝަންގައި ބައިވެރިވުން އެމީހެއްގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލުމަށް ތާއީދުކޮށްފަ އެވެ. އެގޮތުން ޕެންޝަންގައި ބައިވެރިވުމަށް އެއްވެސް ބަޔަކަށް މަޖުބޫރު ނުކުރެވޭނެ ކަމުގައި އެ މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން، ޕެންޝަންގައި ބައިވެރިވާ މީހާގެ އުމުރުން 65 އަހަރު ވުމުން ނޫނީ ޕެންޝަންގެ ފައިސާ ނުނެގޭ ގޮތަށް ގާނޫނުގައި އޮންނަ އޮތުމާ ދެކޮޅަށް ވެސް މެމްބަރުން ވާހަކަ ދެއްކެވި އެވެ. ގޮތުން 65 އަހަރުވުމުގެ ކުރިން އެ ފައިސާ ނެގޭނެ އުސޫލުތަކެއް ހަމަޖެއްސުމަށް އެ މެމްބަރުން ގޮވައިލެއްވި އެވެ.

މިހާރު ގާނޫނުގައިވާ ގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ވެސް އެ ސްކީމްގައި ބައިވެރިވުމަކީ ލާޒިމް ކަމެކެވެ. ނަމަވެސް އެ ސްކީމްގައި ބިދޭސީން ބައިވެރިކުރުން ތިން އަހަރަށް ފަސް ކުރަން ދާދި ފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.