ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ކްރެޑިޓް ކާޑަށް ފައިސާ ނުދައްކާ ކަމަށް ބުނެ ބީއެމްއެލް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ބޭންކުން ބުނި އަދަދަށް ފައިސާ ދައްކާފައި ވަނިކޮށް ކަމަށް މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު އަލީ (ޔޫއްޕެ) ބުނެފިއެވެ.

ސަންއާ ވާހަކަދައްކަމުން ޔޫއްޕެ ބުނީ އޭނާ އަކީ ގަވާއިދުން ކްރެޑިޓް ކާޑަށް ފައިސާ ދައްކަމުން އައި މީހެއް ކަމަށެވެ. ނަމަވެސް އޭނާ އަށް މަދު އަދަދެއްގެ ފައިސާއެއް ނުދެއްކި ހުރިކަން ބޭންކުން ފޯނުކުރުމުން އެނގުނު ކަމަށާއި ވަގުތުން އެއްފަހަރާ އެ ފައިސާ ދައްކާނެ ކަމަށް ބޭންކުން އޭނާއަށް ގުޅި މުވައްޒަފު ގާތު ބުނެފައިވާނެ ކަމަށެވެ.

"އެއްދުވަހަކު އަޅުގަނޑަށް ބޭންކުން ގުޅާފަ މިބުނަނީ ކްރެޑިޓް ކާޑަށް އެބަހުއްޓޭ މިވެނި އަދަދަކުން ފައިސާ ނުދައްކައި. އެހެންވީމަ ކޯޓަށް އެ މައްސަލަ ހުށަހަޅަނީއޭ. އަޅުގަނޑު ދެންނެވިން އެ ފައިސާ ވަގުތުން އަޅުގަނޑު ދައްކާލާނަމޭ. ނަމަވެސް ބޭންކުގެ މުވައްޒަފު ބުނީ އުސޫލު އިންނަގޮތުން ކޯޓަށް މައްސަލަ ހުށަހަޅަންށޭ ޖެހޭނީ. ދެން އެ މުވައްޒަފު ވިދާޅުވި އަދަދަށް އަޅުގަނޑު ފައިސާ ދައްކައިފިން،" ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ އެ ފައިސާ ދައްކާފައި ވަނިކޮށް، ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ކޯޓަށް ހާޒިރުކުރުމުން އިތުރު ފައިސާތަކެއް ދައްކަންޖެހޭނެ ކަމަށް ބޭންކުން ބުނާ ކަމަށެވެ.

"އަޅުގަނޑު ހީކުރީ ދައްކަންޖެހޭ ފައިސާ އަޅުގަނޑަކަށް ދެއްކިއްޖެކަމަށް. ސަބަބަކީ ކުރިން އަޅުގަނޑަށް ގުޅި ބޭންކުގެ މުވައްޒަފު އަޅުގަނޑު ނުދައްކާ ހުރި ކަމަށް ބުނި އަދަދަށް އަޅުގަނޑު ފައިސާ ދައްކައިފިން،" ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ ކޯޓަށް ހާޒިރުކުރުމުން ބޭންކުގެ މުވައްޒަފު ގުޅާފަ ނުދައްކައި ހުރި ކަމަށް ބުނި އަދަދަށް ފައިސާ ދެއްކި ކަމަށް ބުނި ކަމަށެވެ. ނަމަވެސް އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ އިތުރު ފައިސާތަކެއްހުރި ކަމަށް ބީއެމްއެލްގެ ވަކީލު ވިދާޅުވި ކަމަށެވެ.

ބީއެމްއެލްގެ ވަކީލު އެގޮތަށް ވިދާޅުވުމުން އެ ފައިސާ ވެސް ވަގުތުން އެއްފަހަރާ ދައްކާލާނެ ކަމަށް ބުނެފައިވާނެ ކަމަށް ޔޫއްޕެ ބުންޏެވެ.

"އެ ފައިސާ އެއްފަހަރާ ދައްކާލާނަމޭ ބުނުމުން ވަކީލު ވިދާޅުވީ ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކިދާނެއޭ އެއިރުން ފަސޭހަވާނެ ނޫންހޭ. އަދި ވިދާޅުވި އަޅުގަނޑަށް އެ ފައިސާ ދައްކާކަށް ހުކުމެއް ނުކުރާނެ ކަމަށް،" ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ ކޯޓުގައި ވަކީލު އެދުނުގޮތަށް އޭނާ އެއްބަސްވި ކަމަށާއި އެގޮތަށް އެއްބަސްވުމުން މައްސަލަ ބައްލަވާ ގާޒީ އަށް ވަކީލު އެކަން އެންގި ކަމަށެވެ. ދެން އޭނާ ލައްވައި ބަޔާނުގައި ސޮއިކުރުމަށްފަހު ނިންމާލީ ކަމަށާއި އެއްވެސް ހުކުމެއް އޭނާގެ ހާޒިރުގައި އެއްވެސް ހުކުމެއް އޭނާގެ މައްޗަށް ނުކުރާ ކަމަށް ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ އެގޮތަށް އެއްބަސްވީ ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާގައެވެ. ސިވިލް ކޯޓުގެ އުސޫލު ހަމަޖެހިފައި އޮންނަގޮތުން ޑިސްޕިއުޓު މަރުހަލާގައި އެއްބަސްވެޖެނަމަ އެ އެއްބަސްވިގޮތަށް އަމަލު ކުރުމަށް އަންގައި ހުކުމް އިއްވަންޖެހެއެވެ.

އެއުސޫލް އޮންނަ ގޮތާއި ގުޅޭގޮތުން ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޭންކަށް ދައްކަންވާ ފައިސާ ކަސްޓަމަރަކު ގަވާއިދުން ދައްކަމުން ނުދާނަމަ ބޭންކުން އެ މައުލޫމާތު އަބަދުވެސް ކަސްޓަމަރާ ހިއްސާކޮށް ފައިސާ ދެއްކުމަށް އެކަށޭނެ މުއްދަތެއް ދެމުންދާ ކަމަށެވެ. ކޯޓަށް އެފަދަ މައްސަލަ ހުށައަޅަނީ އެންމެ ފަހު މަރުހަލާގެ ގޮތުގައެވެ.

" ކޯޓު މަރުހަލާގައިވެސް، ކަސްޓަމަރަކު ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައިފިނަމަ ބޭންކުން އެ މައްސަލަ އަނބުރާ ގެންދާނެ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.