07 Oct 2016, 10:25
މަސްތުވާތަކެއްޗާ ގުޅޭ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ދިވެއްސަކު 10 އަހަރަށް ޖަލަށްލުމަށް އިންޑިއާގެ ބެންގަލޫރުގެ ސިޓީ ކޯޓަކުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ބެންގަލޫރު މިރާ ގައި ބުނެފައިވާގޮތުން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށްވާ އަޖޫތު މުހައްމަދު އެވެ. އޭނާއާއެކު ހަމަ އެ މައްސަލައިގައި އިންޑިއާގެ ދެމީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި ބުނެފައި ވާގޮތުން އިންޑިއާގެ ބެންގަލޫރު ސެންޓްރަލް ކްރައިމް ބްރާންޗް ޓީމުން، އަޖޫތު މުހައްމަދު އަދި އިންޑިއާގެ ދެ ރައްޔިތެއް ކަމަށްވާ ބަންވާރީ ލާލް އަދި ޗޭތަން ސަކްޝޭނާ ހައްޔަރުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ 500 ގްރާމްގެ ހިރޮއިންއާ އެކުގައި ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
މައްސަލަ ތަހުގީގު ކުރި ބައެއް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އަޖޫތު އިންޑިއާއަށް ގޮސްފައިވަނީ މެޑިކަލް ވިސާއެއްގައި ކަމަށާއި އަޖޫތު ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ އެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 60 ލައްކަ އިންޑިއާ ރުޕީސް އަށް އަރާނެ ކަމަށެވެ.