07 Oct 2016, 13:47
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ. މަހިބަދޫން ހޯދައިފި އެވެ.
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަހިބަދޫން ހޯދާފައިވަނީ 1-0 ލަނޑުގެ އެގްރިގޭޓުން ކ. ގުރައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އިއްޔެ ހަވީރު މަހިބަދޫ އާއި ގުރައިދޫ ކުޅުނު ޒޯން ހަތަރެއްގެ ދެ ވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ މަހިބަދޫ ދަނޑުގައެވެ. މިދިޔަ ހުކުރު ދުވަހު ގުރައިދޫގައި ކުޅުނު ފުރަތަމަ ލެގު މެޗުން މަހިބަދޫ ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައި ވެސް ގުރައިދޫ އަދި މަހިބަދޫގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މަހިބަދޫ ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި އެންމެ ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ކުރެއްވި އަހްމަދު ޠާރިގް (ޓޮމް) އެވެ.
މިހާރު މަހިބަދޫ އަކީ ޒޯން ހަތަރެއް އަދި އދ. އަތޮޅުގެ ޗެމްޕިއަނުންނެވެ. ގުރައިދޫ އަކީ ކ. އަތޮޅުގެ ޗެމްޕިއަނުންނެވެ.