07 Oct 2016, 11:08
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ހަތެއްގެ ޗެމްޕިއަންކަން ގއ. ދެއްވަދޫން ހޯދައިފި އެވެ.
ރަށުން ބޭރުގައި އިއްޔެ ހަވީރު ކުޅުނު ޒޯން ހަތެއްގެ ދެ ވަނަ ލެގު މެޗުގައި ގދ. މަޑަވެލި އަތުން ދެއްވަދޫ ބަލިވި ނަމަވެސް، ދެއްވަދު އަށް ޗެމްޕިއަންކަން ލިބުނީ އަވޭ ގޯލަށް ބަލައިގެންނެވެ.
އިއްޔެ ކުޅުނު މެޗުގައި މަޑަވެލިން ދެއްވަދޫގެ މައްޗަށް ކުރި ހޯދާފައިވަނީ 2-1 ލަނޑުންނެވެ. އަމިއްލަ ރަށުގައި މިދިޔަ ހުކުރު ދުވަހު ކުޅުނު ފުރަތަމަ ލެގު މެޗުން ދެއްވަދޫ މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ. އެ ނަތީޖާތަކަށްފަހު އެގްރިގޭޓަށް ބަލާއިރު، 2-2 ލަނޑުން ދެ ޓީމު އެއްވަރުވުމުން ބަލަން ޖެހުނީ އަވޭ ގޯލަށެވެ.
އިއްޔެ ކުޅުނު ދެ ވަނަ ލެގު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މަޑަވެލިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މަޑަވެއްޔަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ފައުޒާން ޒާހިރެވެ. މެޗުގެ 31 ވަނަ މިނެޓުގައި މުހައްމަދު ޝާހިދު ދެއްވަދު އަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 62 ވަނަ މިނެޓުގައި މަޑަވެލީގެ ޒައްމަތު މުހައްމަދު އަލުން މަޑަވެއްޔަށް ލީޑު ހޯދައިދިނެވެ.
މިހާރު ދެއްވަދޫ އަކީ ޒޯން ހަތެއް އަދި ގއ. އަތޮޅުގެ ޗެމްޕިއަނުންނެވެ. މަޑަވެއްޔަކީ ގދ. އަތޮޅުގެ ޗެމްޕިއަނުންނެވެ.