07 Oct 2016, 13:15
ކާޑުން ދޭ ސަބްސިޑީ ކަނޑާލައި ކާޑުގެ އަގު ބޮޑުކުރުމުން ގެދޮރުގެ ކުލި އަގުބޮޑުކުރުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި "ގެދޮރު ކުއްޔަށްދޭ މީހުން ސަބްސިޑީ ދޭ ހަނޑޫ ކާނެކަަމަށް ގަބޫލު ނުކުރެވޭ" ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރޭ ވެލާނާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވުމަށް ޝައިނީ ވިދާޅުވީ ކާޑުން ސަބްސިޑީ ކަނޑާލައިގެން ނިކަމެއްތިންނަށް އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. ސަބްސިޑީ ފޯމު ފުރައިގެން ނިކަމެތިންނަށް ސަބްސިޑީ ލިބެމުން ދާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.
ބަޔަކު ކާޑުގެ އަގު ބޮޑުވެގެން މައްސަލައެއް ޖައްސަންޏާ އެއީ ސިޔާސީ ގޮތުން އުފެދިގެން އުޅޭ ނުތަނަވަސް ކަމެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ކޮފީ ޝޮޕް ތަކުގައި ހަކުރު އަގުބޮޑު ވެގެން ކޮފީ އަގުބޮޑު ކުރި އިރު ގިނަ ތަންތަނުގައި ކޮފީއަށް އަޅަނީ ސަބްސިޑީ ދީގެން އެތެރެކުރާ ޕެކެޓް ހަކުރު ކަމަށެވެ.
"ކާޑު އަގުބޮޑުވީއޭ ކިޔާފަ އޭގެ ބަދަލުގައި ނާޖާއިޒް ފައިދާތަކެއް ނަގައިގެން ނުވާނެ. ދެން މީހުން ދިރިއުޅޭ ގޭގޭގެ ކުލި ބޮޑު ކުރާނަމޭ ކިޔައިގެން މިދައްކާ ވާހަކަ. ގޭގެ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތެއް ވެއްޖެއްޔާ އަޅުގަނޑު ގަބޫލެއް ނުކުރާނަން އެބޭފުޅުން ސަބްސިޑީ ދީގެން މިގަންނަ އެންމެ އާދައިގެ ހަނޑޫ ކާނެ ކަމަކަށް،" ޝައިނީ ވިދާޅުވިއެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ނިންމުމަކީ ގައުމަށް ހެޔޮއެދޭ ވެރިއަކަށް ނޫނީ ކުރަން ނުކެރޭނެ ކަމެއް ކަމަށް ޝައިނީ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ބަލާނަމަ ގައުމު ދަރަންދެން ސަބްސިޑީ ދީދީ ހުންނަ ފަސޭހަ ވާނެ ކަމަށާއި ނަމަވެސް އެގޮތަށް ދީގެން އިގްތިސާދީ ގޮތުން ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ޝައިނީ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރު އިގްތިސާދީ ގޮތުން ފެއިލް ވެގެން ނުދާނެ ކަމަށާއި މީގެ ކުރިން ދައުކަތުގެ ރިޒާވްއަށްވުރެ މިހާރު ދައުލަތުގެ ރިޒާވް ބޮޑުވާނެ ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.
ކާޑުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގުތަކައް ވަނީ ބޮޑުތަނުން އުފުލިފައެވެ. އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.
މިކަމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.