06 Oct 2016, 22:37
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން ބައިވެރިވާ ބޭފުޅެއްގެ ނަން ފާސްކުރަން ޖެހޭނީ ޕާޓީގެ ކައުންސިލުން ނަން ފާސްކޮށްގެން ކަމަށާއި އެއީ ޝަރުތެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ނިންމަންޖެހޭނީ ޕާޓީ ކައުންސިލު ބައްދަލުވުމުން ކަމަށް ރައީސް އޮފީހުން އެންގުމުން އަދާލަތު ޕާޓީއިން ބުނެފައިވަނީ މަޝްވަރާތައް ފެށުމުގެ މާކުރިން އެކިއެކި ނަންނަމުގައި ޝަރުތުތައް ކުރިމަތިކުރުމަކީ މަޝްވަރާތައް ފެށުމުގެ ކުރިން އެ މަޝްވަރާތައް ފެއިލްވެދާނެ ސަބަބެއް ކަމަށެވެ. ޕީޕީއެމުން ބުނެފައިވަނީ އެޕާޓީގެ ކައުސިލް ބައްދަލުވުން ބޭއްވެން ނެތް ކަމަށެވެ.
މިރޭ ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްވަރާތަކާ ގުޅިގެން ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝައިނީ ވިދާޅުވީ ކައުންސިލުން ފާސްކޮށްގެން މަޝްވަރާއަށް ނަން ފޮނުވުމަށް އެންގުމަކީ ޝަރުތެއް ނޫން ކަމަށާއި އެއީ އުސޫލެއް ކަމަށެވެ. އެގޮތަށް އުސޫލެއް ކަނޑައެޅީ ބައެއް ފަހަރު މަޝްވަރާތައް ނިމޭ ފަހުން "އެއީ މި ޕާޓީން ފޮނުވި މީހެއް ނޫނޭ" ބުނާފަހަރު އަންނާތީ ކަމަށް ޝައިނީ ވިދާޅުވިއެވެ.
އެ އުސޫލަށް އަމަލުކުރުމުގައި ވަކި ޕާޓީއެއް ތަފާތު ނުކުރާނެ ކަމަށާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވެސް އަދި ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއިން ވެސް އަމަލު ކުރަން ޖެހޭނީ އެ އުސޫލުގެ ދަށުން ކަމަށް ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މިފަހަރު މަޝްވަރާތަކަށް ދާއިރު އެބޭފުޅުންނަކީ ޕާޓީގެ ކައުންސިލުން ރުހުންދީފައި ތިބި މަންދޫބުންކަން ޔަގީން ވާން ޖެހޭ ކަމަށެވެ. އެހެންނޫނީ އެންމެ ފަހު ވަގުތު ނުކުމެފަ " އެއީ ޕާޓީން ހޮވިބައެއް ނޫނޭ. އަމިއްލަޔަށް އައިބައެކޭ" ބުނާ ހިސާބަށްވެސް ގޮސްދާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ފާރިޝް އަކީ ޕީޕީއެމް މެމްބަރެއް ނޫނޭ. މިހާލަތުގައި ފާރިޝް ބައިވެރިކޮށްގެން އަޅުގަނޑުމެން މަޝްވަރާތައް ފަށާފަހުން އެޕާޓީގެ އެހެން ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެދާނެ. އެހެންވީމަ ކައުންސިލުން އެބަޖެހޭ ނަމެއް ފާސްކުރަން" ޝައިނީ ވިދާޅުވިއެވެ.
މިހާރުވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަރުތުތައް ކުރިމަތި ކުރުވަމުން ކަމަށް ޝައިނީ ވިދާޅުވިއެވެ. އެގޮތުން ބައިވެރިވާނީ އދ. އިން ބާއްވާ މަޝްވަރާތަކުގައި ކަމަށް އެމްޑީޕީން ބުނާ ކަމަށް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް "މަޝްވަރާތައް ކުރިއަށް ގެންދާނީ އދ. އަކުން ނޫން ކަމަށާއި އެބޭފުޅުން އަންނަނީ ސަރުކާރުގެ ދައުވަތަކަށް ކަމަށް ޝައިނީ ވިދާޅުވިއެވެ.
"ޝަރުތަކީ އެއީ. ވަކި މީހަކު ދޫކޮށްލައިގެން ނޫނިއްޔާ ޕާޓީ ޓޯކް ގައި ބައިވެރިއެއް ނުވާނަމޭ ބުނުން ފަދަ ކަންތައްތައް. މިއީ އެޑް މިނިސްޓްރޭޓިވް ކަމެއް. ތިބޭފުޅުން އައިސް މިއީ އެމްޑީޕީ ތަމްސީލުކުރާ ބޭފުޅެކޭ ބުނީމަ އަޅުގަނޑުމެން އެބަޖެހޭ ޔަގީންކަން ހޯދަން އެއީ ހަމަ އެމްޑީޕީ ތަމްސީލު ކުރާ ބޭފުޅެއް ތޯ" ޝައިނީ ވިދާޅުވިއެވެ.
ސަރުކާރުން ފަށާ މަޝްވަރާތަކުގައި ބައިވެރިވުމަށް އދ. ގެ މެމްބަރުންނަށް ރަސްމީކޮށް އަދި ދައުވަތު ނާރުވާކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.