06 Oct 2016, 22:12
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މައިކްރޯ ކޭނަރީ ފެކްޓްރީތަކެއް އެޅުމަށް ސައުދީ އަރަބިއާއިން އެހީވުމަށް އެއްބަސްވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތަފްސީލް ދެއްވުމަށް މިރޭ ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމް ކުރުމަކީ މަސްވެރިކަމަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ. އެއީ މިހާރުވެސް މަސް ގަނެގެން ފެލިވަރަށް ގެންދިއުމަށް ވަރަށް ދުރަށް ދަތުރު ކުރަން ޖެހޭތީ ހަރަދުތަކެއް ހިނގާ ކަމަށް ޝައިނީ ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މައިކްރޯ ކޭނަރީ ފެކްޓްރީތަކެއް ގާއިމް ކުރެވިއްޖެ ނަމަ ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ. ސައުދީ ސަރުކާރުން ވަނީ ހަތަރު މައިކްރޯ ކޭނަރީއެއް އެޅުމަށްޓަކައި އެހީދޭން ވަނީ އެއްބަސްވެފައި" ޝައިނީ ވިދާޅުވި އެވެ.
މަސް ފެކްޓްރީތައް މީހުން ދިރިއުޅޭ ރަށްރަށުގައި އެޅުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ޝައިނީ ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުވެސް އިތުރަށް ފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި މަސް ފެކްޓްރީތައް އެޅުމަކީ އެތަން ތަން ބެލެއްހެއްޓުމުގައި ހަރަދުވެސް ކުޑަވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މަސް ކުންފުނި ވަކި ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަަވައި އެސްޓީއޯގެ ދަށަށް މިފްކޯ ވަނީ ބަދަލުކުރައްވާފައެވެ. އެގޮތަށް ނިންމާފައި ވަނީ މަސްވެރިންނަށް މިފްކޯ ދެ މިލިއަން ރުފިޔާއިން ދަރާފައި ވަނިކޮށް އެފައިސާ ދައުލަތުގެ ބަޖެޓުން ދެއްކުމަށް ފަހުއެވެ.