06 Oct 2016, 21:01
ސައުދީ އަރަބިއާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ އެހީއެއްދެނެ ކަމުގެ ޔަގީންކަށް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ސައުދީ އަރަބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތަފްސީލް ދެއްވުމަށް މިރޭ ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ ސައުދީ އަރަބިއާއިން ރައީސް ޔާމީނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއާ އަށް ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.
ސައުދީ އެހީގެ ގޮތުގައި ދިނުމަސް ނިންމާފައިވާ 150 މިލިއަން ޑޮލަރަކީ ވަކި ދާއިރާއަކަށް ހަރަދު ކުރުމަށް ދޭ ފައިސާ ނޫންކަމަށާއި ރާއްޖޭގެ ރިޒާވަށް ލިބޭ ފައިސާކަމަށް ޝައިނީ ވިދާޅުވިއެވެ.
މީގެކުރިންވެސް ރާއްޖެއާ ސައުދީ ސަރުކާރާ ގާތް ގުޅުމެއް އޮތްކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ އެގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެ އެކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދެއްވާފައިވާ ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ޝައިނީ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އެހީވުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީށް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އެ އެހީ ބޭނުން ކުރެވިގެންދާނީ ކޮންގޮތަކަށްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝައިނީ ވިދާޅުވީ ވިޔަފާރި ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ ގޮތުގައިވެސް އެބައި ހިމެނިގެން ދާނެ ކަމަށެވެ.
ދިވެހިރާއްޖެ އަށް ސައުދީ އަރަބިއްޔާގެ ފަރާތުން 300 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން ސައުދީން ރާއްޖެއަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދުގެ ދެގުނައެވެ. މީގެ ކުރިން ސައުދީން ރާޢްޖެއަށް ދެމުން އައީ 150 ސްކޮލަޝިޕް ފުރުސަތެވެ.
ތިންސަތޭކަ ސްކޮލަޝިޕްގެ ކަންކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ހަމަޖައްސެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސައުދީގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ ސައުދީ އަރަބިއްޔާގެ ތައުލީމީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި، ފަންނީ ދާއިރާތަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ދިނުމާ މެދު ވެސް ސައުދީގެ މިނިސްޓަރާއި ރައީސް ޔާމީން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސައުދީއަށް ވަޑައިގެން ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިމެނިވަޑައިގަންނަވައެވެ.