06 Oct 2016, 18:11
ޝަރުއީ ދާއިރާއާ މެދު ނަފްރަތު އުފައްދާ ކަމަށް ބުނެ، މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުގައި އެެއްވެސް ގޮތަކަށް ވަކާލާތު ނުކުރެވޭގޮތަށް ގާނޫނީ ވަކީލު އަހުމަދު ނާޒިމް ސަސްޕެންޑުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވައި ނާޒިމަށް މިއަދު ފޮނުވި ލިޔުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނާ މެދު ނުބައި ތަސައްވުރެއްދީ، ކޯޓާއި ކޯޓުގެ ގާޒީންގެ އަގުވައްޓާލައި ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ތަފާތު އެކިފަހަރުމަތިން އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފަދަ ކަންތައް ހުއްޓާލުމަށް ތަފާތު އެކިފަހަރުމަތިން ނާޒިމަށް އަންގައި ނަސޭހަތްތެރިވުމުން ވެސް އޭނާ އެކަން ތަކުރާރުކޮށްފައިވާ ކަމަށް އެ ލިޔުމުގައި ވެއެއެވެ.
އެ ލިޔުމުގައި ވަނީ ނާޒިމްގެ އެ އަމަލުތަކަކީ ގާނޫނީ ވަކީލުންގެ ސުލޫކީ އިމުން ބޭރުވެފައިވާ އަމަލުތަކެއް ކަމަށެވެ.