06 Oct 2016, 17:42
ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިން މައްސަލާގައި ތުހުމަތުކޮށް ހޯދަމުންދާ ރ. އިނގުރައިދޫ، ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހީމްގެ ޕާސްޕޯޓު މޯލްޑިވްސް އިމިގްރޭޝަނުން ކެންސަލްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޝަފްރާޒްގެ ޕާސްޕޯޓް ކެންސަލްކުރިން ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާކަން އާންމުކޮށް އަންގައި އިއުލާންކުރާ ކަމަށެވެ.
އޭނާ ރާއްޖެ އަންނަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓު ހަދައިދޭނެ ކަމަށް އިމިގްރޭޝަނުން ކުރި އިއުލާނުގައިވެއެވެ.
އެ އިއުލާނުގައި ވަނީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހުރެވިދާނެ މީހުންގެ ތެރޭގައި ޝަރުއީ ހުކުމަކަށް ނުވަތަ ތަހުގީގީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުންގެ ތެރެއިން ރާއްޖެ ނައިސް އުޅޭ މީހުން ނުހިމެނޭ ކަމަށެވެ.
މަހުފޫޒު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފައެވެ. އެ ތިން މީހުންނަކީ، ރާއިދު އަހްމަދާއި ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރުއެވެ.