06 Oct 2016, 17:24
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީން ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފައިވާއިރު އެގައުމަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދާ ބައްދަލުކުރައްވައި، ދެ ޤައުމަށް މުހިންމު ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ސަޢޫދީ ސަރުކާރުގެ އެކިއެކި މިނިސްޓަރުންނާއެކު އޮތް ބައްދަލުވުންތަކުގައި ރާއްޖެއާއި އެގައުމާ ދެމެދުގައި އޮންނަ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސް ވަނީ ޚިޔާލު ބަދަލު ކުރައްވާފައެވެ.
މިދަތުރުފުޅުގައި ރައީސް އަރިހުގައި، ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޢާޞިމާއި، އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދާއި، ފިޝަރީސް މިނިސްޓަރު ޑރ. މުޙަންމަދު ޝައިނީއާއި، ރައީސް އޮފީހުގެ ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސް އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.