ރޭ 10:00 ޖަހާއެހާކަންހާއިރު ހުސައިން މުހުސިން އޭނާގެ އާއިލާގެ މެންބަރެއްގެ ގާތުގައި ސައިކަލް ދިނުމަށް އެދުނެވެ. އެ ސައިކަލްގައި އޭނާ ދިޔަތާ ގިނައިރު ނުވަނީސް އާއިލާއަށް ލިބުނު ހިތާމަވެރި ހަބަރަކީ މުހުސިން ސައިކަލް އެކްސިޑެންޓެއްވީ ވާހަކަ އެވެ.

"ސައިކަލް ގެންދިޔަސް ހެޔޮހޭ އެހުމުން އާއެނކޭ ބުނީމަ ދިޔައީ ސައިކަލްގައި. އިރުކޮޅެއް ނުވެ ރައްޓެއްސަކު ގުޅާފައި ބުނީ އެބައޮތޭ ސައިކަލު ވެއްޓިފައި،" ރޭ ސ. ހިތަދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހޭ ނާރާ އައިސީޔޫގައި އޮތް މުހުސިން 19، އިގެ އެއްބަނޑު އެއްބަފާ ބޭބެ ބުންޏެވެ.

މުހުސިނުގެ ބޭބެ ބުނީ އޭނާގެ ކޮއްކޮ އަކީ ވަރަށް ރައްޓެހިން ގިނަ، އަދި ގިނަ ވަގުތު ރައްޓެހިންނާއެކު އުޅޭ ކުއްޖެއް ކަމަށެވެ. އެގޮތުން ރޭ ވެސް 10:00 ޖަހާ އެހާކަންހާއިރު ސައިކަލް ނަގައިގެން މުހުސިން ދިޔައީ ރައްޓެއްސެއް ކައިރި އަށް ކަމަށް ބެލެވޭ ކަމަށެވެ.

"ރަށު ތެރޭގައި ގިނަ ވެގެނެއް ނޫޅޭ. އެކަމަކު ރައްޓެހިންނާއެކު ވަރަށް ގިނައި ރޭގަނޑު ދުއްވަންދާނެ. ސައިކަލް ފްރީތޯ އަހާފައި އަބަދުވެސް ދާނީ ސައިކަލް ހިފައިގެން. އެހެންނޫނީ ބުނާނެ މިވެނި ތަނަކަށް ވައްޓާލަދޭށޭ،" މުހުސިން ދުއްވި ސައިކަލް ދިން، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ބުންޏެވެ.

ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު މިހާރު ރަށުގައި ހުރި ކޮއްކޮގެ ކުއްލި އެކްސިޑެންޓާ ގުޅިގެން ހިތާމައިގައި ހުރި ބޭބެ ބުނީ އެކްސިޑެންޓަށްފަހު ހޭ ނާރައި އޮތް ކޮއްކޮއަށް އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި ކޮއްކޮ ސަލާމަތް ކުރެވެން އޮތީ ރާއްޖެން ބޭރަށް ގެންގޮސް ބޮލުގެ އޮޕަރޭޝަނެއް ކޮށް، ބޮލުގެ ތެރެއަށް ފޭދިފައިވާ ލޭތައް ސާފު ކޮށްގެން ކަމަށެވެ. މިރޭގެ ވަގުތެއްގައި ކޮއްކު ސްރީލަންކާ ގެންދެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ކޮއްކޮގެ އެކްސިޑެންޓަށްފަހު މަންމައާ ބައްޕަގެ ހާލުވެސް ވަރަށް ދެރަވެފައިވާ ކަމަށެވެ.

"ޑޮކްޓަރު ވިދާޅުވީ ކޮއްކޮގެ ބޮލުގެ ތެރެއަށް ލޭ ފައިބައިފަ ހުރި ކަމަށް. ބޭރަށް ގެންގޮސް ބޭސް ކޮށްގެނޭ ރަނގަޅު ވާނީ. ގިނަ ދުވަހުންނޭ ރަނގަޅު ވާނީ...މި އެކްސިޑެންޓަށް ފަހު މަންމައާ ބައްޕަގެ ހާލުވެސް ވަނީ ދެރަވެފައި،" އެ ބޭބެ ބުންޏެވެ.

އެކްސިޑެންޓާ ބެހޭ ގޮތުން މުހުސިނުގް ބޭބެ ބުނަނީ ލަފާ ކުރެވެނީ "ސްޕީޑް ނެގި ވަގުތު މަގުމަތީގައި އިން އެއްޗެއްގައި އަޅައިގެންފައި ވެއްޓުނީ" ކަމަށެވެ.

ހިތަދޫ ކުރީގެ ކޮމްޕްރެހެންސިވް ސްކޫލް ކައިރިން ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް މުހުސިން އެކްސިޑެންޓްވީ މަގު ކޮނުމަށް ފަހު އެއްކޮށްފައިހުރި ފަސް ފުންޏެއްގައި ޖެހި ސައިކަލާ އެކު ވިއްސައިގެން ގޮސް ޖެހިގެނެވެ.

އެ އެކްސިޑެންޓަށްފަހު އަދި މުހްސިން ހޭނާރާއިރު، އާއިލާއާއި ރަހުމަތްތެރިން ތިބީ އޭނާ ލޯ ހުޅުވާލާނެ އިރެއްގެ އިންތިޒާރުގަ އެވެ.