ތެލުގެ ފިއުލް ސާޗާޖުގެ ސަބަބުން ފެނަކާގެ ކަރަންޓު ބިލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފެނަކާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ އާ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ ފިއުލް ސާޗާޖުގެ ސަބަބުން ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެނަރޖީ އޮތޯރިޓީއާ މަޝްވަރާކޮށްގެން ބަދަލު ގެންނާނެ ކަމަށެވެ.

"ތެލުން ނަގާ ސާޗާޖްގެ ސަބަބުން އަޅުގަނޑުމެންގެ ޓެރިފަށް ބަދަލެއް ނުގެންނާނަން. އެގޮތަށް އިތުރު ބަދަލެއް ގެންނަން ޖެހިއްޖެ ކަމަށް ވާނަމަ އަޅުގަނޑުމެން އެނަރޖީ އޮތޯރިޓީއާ މަޝްވަރާކޮށްގެން ވާހަކަ ދައްކައިގެން ބަދަލު ގެންނާނަން. އަދި އެކަހަލަ ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.

ފިއުލް ސާޗާޖުގެ ގޮތުގައި ފެނަކާއިން އިތުރު ފީއެއް ނެގުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެކުންފުނިން ހާމަކޮށްފައިވާއިރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވަނީ ފިއުލް ސަރޗާޖުގެ ގޮތުގައި ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ނަގާ ގޮތަށް ނިންމާފައެވެ.

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ޗާޖު ނަގަން ސްޓެލްކޯއިން ނިންމާފައިވާ އިރު އެކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގުން ލީޓަރެއް 8 ރުފިޔާއަށްވުރެ ބޮޑުވެއްޖެ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފައި ވަނިކޮށެވެ.

ސްޓެލްކޯއިން މި ގޮތަށް ނިންމީ އެ ކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8.12 ރުފިޔާއަށް ބޮޑުވެފައިވާތީ އެވެ.

ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05 ރުފިޔާ އަށެވެ. އެޕްރީލް މަހު މި އަގު ވަނީ 7.50 ރުފިޔާއަށް ބޮޑުވެފައެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވެފައިވެ އެވެ.