ދިވެހި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސި ވިލާތުގެ ތަޖުރިބާކާރެއް ކަމުގައިވާ ރިޓަޔާޑް އެސިސްޓެންޓް ޗީފް ކޮންސްޓަބަލް ޕީޓާ ވައިނާ ރާއްޖެ ވަޑައިގެން ދިވެހި ފުލުހުންނާއެކު މަސައްކަތް ފަށައިފި އެވެ.

ވައިނާ ވަނީ ރާއްޖެ ވަޑައިގެން ދިވެހި ފުލުހުންގެ އެކި އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވައިލައްވާފަ އެވެ.

ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތްތައް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ވައިނާ ވަނީ ފުލުހުންގެ އިސް އޮފިސަރުންނާ އިއްޔެ ހުސައިން އާދަމް ބިލްޑިންގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޕްރޮފެޝަނަލިޒަމް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމާއި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ހިދުމަތަކަށް ދިވެހި ފުލުހުންގެ މުއައްސަސާގެ ޚިދުމަތް ބައްޓަން ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ވައިނާ ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެ ވަޑައިގެން ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދީފަ އެވެ.

އެގޮތުން ފުލުހުން އަލަށް ފަށަން ތައްޔާރުވަމުން އަންނަ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާއިބެހޭ ގަވާއިދުގައި އަލަށް ހިމެނިފައިވާ އިންފޯމަލް ރިޒޮލިއުޝަން ތަންފީޒުކުރުމުގައި ވެސް އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރަނގަޅު ކުރަން ހުރި ކަންތައްތައް ދިރާސާކޮށް ތަންފީޒު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.