06 Oct 2016, 16:09
ލ. އިސްދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެރަށަށް 360 ކިލޯވޯޓުގެ ޖަނެރޭޓަރެއް ގެންދިއުމަށް ފެނަކައިން ނިންމައިފިއެވެ.
ފެނަކައިގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. އެމަސައްކަތް ހަވާލު ކޮށްފައިވަނީ ޔުނި އިންޖިނޭރިންގް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ގައިސް އިސްމާއިލް އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެ ޖަނެރޭޓަރު އެރަށަށް ގެންދެވޭނީ އަންނަ ހަފްތާތެރޭގައި ކަމަށާއި އަންނަ ހަފްތާގެ ނިޔަލަށް ޖަނެރޭޓަރުގެ ޚިދުމަތް ދެވެން ފަށާނެ ކަމަށެވެ.
އިސްދޫގައި މިހާރު ހުންނަނީ ދެ ޖަނެރޭޓަރެވެ. އެއީ 80 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 160 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. އެރަށަށް ގެންދާ 360 ކިލޯ ވޯޓުގެ ޖަނެރޭޓަރު އެރަށަށް ގެންދެވުމުން ބެކަޕް ޖަނެރޭޓަރެއް ރަށުގައި ގާއިމް ކުރެވިގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެ ރަށުން އިއްޔެ ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ އެރަށުގައި ބޭނުން ކުރާ 160 ކިލޯވޯޓްގެ ޖަނެރޭޓަރުގެ ފިއުލް ޕަމްޕަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިހާރު އިސްދުއަށް ކަރަންޓު ދެމުން ދަނީ އެ މައްސަލަ ހައްލު ކުރުމަށްފަހުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
"360ގެ ޖަނެރޭޓަރެއް ލިބުނީމާ ޓޯޓަލީ އެތާ ހުންނާނެތާ ތިން ޖަނެރޭޓަރު. ދެން އެ ތިން ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރަށް މައްސަލައެއް ދިމާވެއްޖެއްޔާ އިތުރު ބެކަޕެއްވެސް އިންނާނެ. މި ޖަނެރޭޓަރު އިންސްޓޯލް ކުރެވުމާއެކު 160 ކިލޯ ވޯޓުގެ ޖަނެރޭޓަރު އޯވަ ހޯލް ކުރުމުގެ މަސައްކަތް ފަށާނަން،" ޝަރީޕް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ ޖަނެރޭޓަރު އިސްދޫގައި އިންސްޓޯލް ކުރެވުމާއެކު އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނެ ކަމަށެވެ.