ކާޑު ސަބްސިޑީއަށް ބަދަލުގެނެސް ފަގީރުންނަށް އެކަނި ކާޑުން ސަބްސިޑީދޭން ނިންމި އުސޫލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކަރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހަ މުއައްސަސާއެއް ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ހިމެނޭގޮތަށް އެންވަޔަރަމެންޓް މިނިސްޓްރީ އަދި އެންސްޕާގެ އިތުރުން އެސްޓީއޯގެ އިސްވެރިންނާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުންނެވެ.

ކޮމިޓީއަށް އެބޭފުޅުން ހާޒިރުކުރަން ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވި 10 މެމްބަރުންވެސް ވަނީ އިއްތިފާގުވެ ވަޑައިގެންފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ފިނޭންސް މިނިސްޓަރު ކޮމިޓިއަށް ހާޒިރުކޮށް 2016 ވަނަ އަހަރުގެ ސަބްސިޑީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓް ހުސްވީތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުން ވަކިކަމަކަށް ކަނޑައެޅި ފައިސާ އެހެން ކަމަކަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުގަ ބުނެފައިވޭ. އެހެންކަމަށް ވަނީ ނަމަ އެފައިސާ ހުސްވީތޯ ނުވަތަ އޭގެތެރެއިން ބައެއް އެހެންކަމަކަށް ޑައިވާޓް ކުރީތޯ އެސުވާލު ކުރަން އެބަޖެހޭ" ޖައުފަރު ވިދާޅުވި އެވެ.

ރައްޔިތުންނަށް ދޭ ހުރިހާ އަސާސީ ހިދުމަތްތަކެއް ސަބްސިޑައިޒްކޮށްގެން ކުރިއަށް ނުގެންދެވޭނެކަން ގަބޫލުކުރާ ކަމަށާއި ނަަމަވެސް ސަބްސިޑީ ކަނޑާލައި އެކަން ކުރަން ފެއްޓެވި ގޮތާއި ފަގީރުންނަށް ރެޖިސްޓްރީވާން ހުޅުވާލި ދޮރަކީ އެހާ ފަސޭހަ ދޮރެއް ނޫން ކަމަށް ޖައުފަރު ވިދާޅުވި އެވެ.

މަޖިލީހުގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ކާޑުގެ އަގުބޮޑުވުމާ ގުޅިގެން މާލޭގައި ކުއްޔަށްދޭ ތަންތަނުގެ ކުރި އަތައް ތަނެއް ބޮޑުކުރަމުންދާ ކަމަށާއި އެހެންކަމުން އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ކަމާގުޅުން ހުރި މުއައްސާސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ޖުމްލަކޮށް ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

ކާޑުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގުތަކައް ވަނީ ބޮޑުތަނުން އުފުލިފަ އެވެ. އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.