ދެހާސް ސަތާރަވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް، ސްރީލަންކާގެ ބައިނަލްއަގުވާމީ އެއާޕޯޓު ދުވާލުގަޑީގައި ބަންދު ކުރަން ނިންމައިފިއެވެ.

ސްރީލަންކާގައި ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ހިންގާ ހަމައެކަނި އެއާޕޯޓު ކަމުގައިވާ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަން ނިންމާފައިވަނީ، އެތަނުގެ ރަންވޭ މަރާމާތުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަނީ 2017 ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް ހަތްވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30 ގެ ނިޔަލަށެވެ. އެއީ ރަންވޭގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަތަރު ގަޑިއިރު، އަދި ރަންވޭގައި އަޅާ ތާރު ފަދަ ތަކެތި ހިއްކުމަށް ހަތަރު ގަޑިއިރެވެ.

ޖެނުއަރީން އޭޕްރިލްގެ ނިޔަލަށް ވާ މުއްދަތުގައި، ހަވީރު 4:30ގެ ފަހުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިޔަށް ދާނެއެވެ.

އެހެން ނަމަވެސް ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ ތެރެއިން ބައެއް ފްލައިޓުތައް ރީޝެޑިއުލް ކުރަން ޖެހޭ އިރު، ބައެއް ފްލައިޓުތައް ކެންސަލް ވެސް ކުރެވޭނެއެވެ.

ދުވާލަކު 185 ފްލައިޓު އޮޕަރޭޓުކުރާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ތިން މަސް ދުވަސް ވަންދެން ދުވާލު އަށް ގަޑިއިރަށް ބަންދުކުރާތީ، އެ މުއްދަތުގެ ތެރޭގައި ސްރީލަންކަން އެއާލައިންސްގެ 200 އެއްހާ ފްލައިޓު ކެންސަލް ވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. އަދި އެ އެއާލައިނުން ދުވާލަކު ބާއްވާ 30 ފްލައިޓެއްގެ ވަގުތުތައް ވަނީ ބަދަލުކޮށްފައެވެ.

ސްރީލަންކަން އެއާލައިންސްގެ ސީއީއޯ، ކެޕްޓަން ސުރަން ރަތުވައްތަ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސް ވާނީ އެ އެއާލައިނަށް ތަދު ދުވަސްތަކަކަށެވެ. ފްލައިޓުތަކަށް ބުރޫ އަރާނެކަން ކަށަވަރުވެފައިވާ އިރު، އޭގެ ސަބަބުން އެ އެއާލައިނަށް 47 މިލިޔަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ސްރީލަންކަންއިން ލަފާކުރެއެވެ.

ސްރީލަންކަން އެއާލައިންސް މިވަގުތު އޮތީ ބޮޑު، މާލީ ގެއްލުމެއްގެ ތެރޭގައެވެ. ލަންކާގެ ކުރީގެ ސަރުކާރުން އެ އެއާލައިނަށް އޯޑަރުކޮށްފައިވާ އެއާބަސް އޭ350 މަރުކާގެ ހަތަރު އެއާކްރާފްޓު ކެންސަލް ކުރަން އެގައުމުގެ ސަރުކާރުން ނިންމުމުގެ ސަބަބުން، އެއާކްރާފްޓު ދޫކުރި ކުންފުންޏަށް ސްރީލަންކަންއިން 170 މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިފައިވެއެވެ.

މީގެ އިތުރުން ދަރަނި ބޮޑުވެ، މި މަހަށް ފަހު ހުއްޓާލަން ނިންމާފައިވާ ލަންކާގެ ބަޖެޓް އެއާލައިން، މިހިން ލަންކާ ސްރީލަންކަން އެއާލައިންސްގެ ދަށަށް ބަދަލުކުރާ އިރު، މިހިން ލަންކާގެ ދަރަންޏާއި ގެއްލުމުގައި ހިފަން ވެސް ޖެހިފައި ވަނީ ސްރީލަންކަން އެއާލައިންސްއިންނެވެ.