ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކައުންސިލްތަކުން ބައްދަލުވުންތައް އެޖެންޑާ ކޮށްގެން އެމައްސަލައާ ދެކޮޅަށް ބަޔާން ނުނެރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފިއެވެ.

އެލްޖީއޭއިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައި، ނުރުހުން ފާޅުކޮށް ޖަލްސާތައް އެޖެންޑާކޮށްގެން އެސިޔާސަތުތަކާ ދެކޮޅަށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

މިފަދަ ކަންތައްތަކަކީ ކައުންސިލްތަކުގެ އިހްތިސާސްއިން ބޭރުގައިވާ ކަންތައްތަކެއް ކަމަށާއި އެފަދަ ބަޔާންތައް ނެރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުށެއް ކަމަށްވެސް ސާކިއުލާގައިވެ އެވެ.

އެލްޖީއޭއިން މިފަދަ ސާކިއުލާއެއް ނެރެފައިވާއިރު މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ބައެއް ކައުންސިލްތަކުން ވަނީ ބަޔާން ނެރެފައެވެ. އަދި ބައެއް ކައުންސިލްތަކުން ވަނީ ކައުންސިލްތަކުގެ ބެލުމުގައި ހުރި ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ކާޑުގެ ސަބްސިޑީ ދިނުމަށް ވެސް ނިންމާފައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލުމުން، ހަނޑޫ، ހަކުރު، ފުށް، މި ތިން ބާވަތުގެ އަގުތައް ވަނީ 100 ޕަސެންޓަށް އަގު ބޮޑުވެފައެވެ.

އެގޮތުން ހަނޑޫ ކިލޯއެއްގެ މިހާރުގެ އަގަކީ 7.96 ރުފިޔާ އެވެ. ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވެފައިވާ އިރު ހަކުރުގެ އަގު ވަނީ 3.50 ރުފިޔާއަށް ބޮޑުވެފައެވެ.

ކައުސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖް ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގައި ވާގޮތުން އެދަރަޖައިގެ ދަށުން ކުށެއްކޮށްފިނަމަ އެކަން އިސްލާހު ކުރުމަށް އަންގައި މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ކައުސިލް އުވާލުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ކައުންސިލަށް ދޭންވާނެ އެވެ. އަދި އެކުށުގައި ބައިވެރިވި ކައުންސިލަރުން މުސާރައާ އިނާޔަތްތައް ނުލިބޭ ގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑް ކުރަން ވާނެ އެވެ.