07 Jun 2011, 15:38
ފަހަކަށް އައިސް ތަފާތު ސިޔާސީ ފަރާތްތަކުން ޝަރުއީ ދާއިރާ ރަނގަޅު ކުރުމަށް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި އިސްލާމީ ޝަރީއަތާއި އެއްގޮތް ކަންތައްތައް ކަޝިޔާރުކޮށް ކިލަނބުކުރުމަށް ކުރަމުން އަންނަ ހީލަތްތެރި ކަންތައްތަކުގެ ބައެއް ކަމަށް މަދަނިއްޔާ ޖަމްއިއްޔާއެއް ކަމައްވާ ސަލަފުން މިއަދު ބުނެފި އެވެ.
ސަލަފުގެ ރައީސް ޝައިހް އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވީ ޝަރުއީ ދާއިރާއަށް ފާޑުކިޔަން ޖެހޭނީ ފާޑު ކިޔޭ ފެންވަރުގެ މީހުން ކަމަށާއި އެ ނޫން ގޮތަކަށް ފާޑު ކިޔާނަމަ އެއީ ޝަރުއީ ދާއިރާގައި ހުރި އިސްލާމީ ޝަރީއަތުގެ އުސޫލުތައް މުޅިން ނައްތާލުމަށް ކުރާ ހީލަތްތެރި މަސައްކަތްތަކުގެ ބައެއް ކަމަށެވެ.
"... އަޅުގަނޑުމެންނަށް މަންޒަރު ފެނިގެން މިދަނީ އެތަންތަނުގެ އަގު ވައްޓާލާ ނުވަތަ އިސްލާމީ ޝަރުއީ ހައްދުތަކުގެ މައްޗަށް ތަފާތު ހީލަތްތައް ހަދައި ޝަރީއަތް ކަޝިޔާރު ކޮށްލަން އުޅޭތަން... ޝަރުއީ ދާއިރާއަށް ފާޑުކިޔަން ޖެހޭނީ ފާޑު ކިޔޭ ފެންވަރު މީހުން. ސިޔާސީ މައިދާނުގެ ވާހަކައަކަށް ވެފައި މި އޮތީ ޝަރުއީ ދާއިރާއަށް ފާޑު ކިޔުން. މީޑިޔާތަކުގައި ވެސް ސަރުކާރުގެ މީޑިޔާ އިން ވެސް އިރުއިރުކޮޅުން އިވެނީ މިވާހަކަ. އެ ދާއިރާގެ އަގު ވައްޓާލަމުން ދިޔުން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ކުރި ނަމަވެސް ފަހުން އެ ހުކުމްތައް ޓެރަރިޒަމްގެ އުގޫބާތަށް ބަދަލުކޮށް ހުކުމްތައް ފުރޮޅަމުން ދިޔުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި އިސްލާމީ ޝަރީއަތުގެ އަސްލުތައް އުފުރާލުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ބާރެއް ކަމަށެވެ.
""ބަލައިލަމާ ހިނގާ މަރުގެ ހުކުމުގައި އެންމެ ފަހުން މި ފެންނަނީ ހުކުމް ކުރީމާ އެ ޓެރަރިޒަމްގެ ދައުވާއަށް އެނބުރި ޝަރީއަތުގެ އަސްލު ހައްދު ބާއްވާފައި ގާނޫނުތަކުން ހަދައިގެން އިންނަ އެހެން ދޭތެރެއަކަށް އޭތި ފެތިގެން ދާތަން. އެހެންވެ މިއީ ވަރަށް ނުރައްކާތެރި މައްސަލައެއް. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އިސްލާމީ އުސޫލުތައް ފަހަތަށް ޖައްސައި ގުޑުވާލާ ކިލަނބުކަން ގެނައުން މީގެ ބޭނުމަކީ. މީގެ ފަހަތުގައި މިވަނީ ގާނޫނު އަސާސީގައިވާ އިސްލާމީ އަސްލުތަކާއި އަސާސްތައް ބިނާވެފައިވާ ބައި އެއްކޮށް ބަދަލުކޮށްލުން،" އަބްދުﷲ ވިދާޅުވި އެވެ.
ޝައިހް ވަނީ ބައެއް ޝަރީއަތްތައް އިސްލާމީ ޝަރީއަތާ އެއްގޮތަށް ނުދާތީ އެކަމާއި މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.