06 Oct 2016, 14:02
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މީގެ ކުރިން ހިނގާފައިވާ ހިތްނުތަނަވަސް ކަންކަން ހަނދާން ނައްތާލައި، އާ ފެށުމަކުން ފެށުމަށް ދެގައުމުން އެއްބަސްވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ، އެގައުމުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އަހްމަދު ޝިއާން، ޔޫކޭގެ ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަންއާ ބައްދަލުކުރައްވައި، ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓު ކޮށްފައެވެ. އެ ދެބޭފުޅުން ބައްދަލުވެވަޑައިގެންފައި ވަނީ އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން ބާޢްވާ ކޮންޒަވޭޓިވް ޕާޓީ ކޮންފެރެންސްގެ ތެރެއިންނެވެ.
އަދި، ދެގައުމުގެ ދެމެދުގައި މާޒީގައި ހިނގައި ގޮސްފައިވާ ކަންކަން ހަނދާން ނައްތާލައި، މުސްތަގުބަލުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ސެކްރެޓަރީ ބޯރިސް ޖޯންސަންއާއި ހައިކޮމިޝަނަރު ޝިއާން އެއްބަސްވެވަޑައިގެންނެވި ކަމަށް ޓްވީޓުގައި ބުނެފައިވެއެވެ.
"މާޒީ ހަނދާން ނައްތާލައި، މުސްތަގުބަލުގައި އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފޮރިން ސެކްރެޓަރީއާއި ހައިކޮމިޝަނަރ ޝިއާން އެއްބަސްވެވަޑައިގަންނަވާ،" އެ ޓްވީޓުގައި ބުނެފައިވެއެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ޑޭވިޑް ކެމެރަންއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވަރަށް ގާތް ބޭފުޅެކެވެ. އެހެންކަމުން، ރައީސް ނަޝީދުގެ ޝަރީޢަތް ކުރިޔަށް ދިޔަ ދުވަސްވަރާއި އެމަނިކުފާނު ޖަލަށް ހުކުމް ކުރުމުން އިނގިރޭސި ސަރުކާރުގެ ފަރާތުން ވަނީ ރާއްޖެއަށް ޕްރެޝަރުތަކެއް ކުރިމަތިކޮށްފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ވެސް ދީފައި ވެއެވެ.
މި ކަންކަމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި، ގުޅުމަށް ވަނީ ބުރޫ އަރައިފައެވެ.
އެހެން ނަމަވެސް، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެގައުމުގެ ރައްޔިތުން ނިންމުމާ ގުޅިގެން ކެމެރަން ވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕުންނާއި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ކެމެރަންއަށް ފަހު ޔޫކޭގެ ބޮޑުވަޒީރުކަމާ ތެރީސާ މޭ ހަވާލުވެވަޑައިގެން ވަނީ އާ ސަރުކާރެއް އުފައްދަވައިފައެވެ.