އެސްޓީއޯ އިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ކްރެޑިޓަށް ނެގިކަން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ތެޔޮ ކުންފުނި، މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަށު ކޯޓުގައި ސާބިތު ނުވުމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ފުރަތަމަ އަޑުއެހުން މިއަދު 11:15 ގައި ހައިކޯޓުގައި ވަނީ ބާއްވާފައެވެ.

އެސްޓީއޯއިން ކޯޓުގައި ދައުވާކޮށްފައި ވަނީ މެރީޑިއަމް ސާވިސްއާއެކު ތެޔޮ ދޫކުރުމަށް މާޗް 31، 2010 ވަނަ ދުވަހު ވެފައިވާ އެއްބަސް ވުމުގެ ދަށުން އެސްޓީއޯއިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ޖޫރިމާނާއާ އެކު ޑިސެމްބަރު 1، 2010 ގެ ނިޔަލަށް އަރާފައިވާ 19.3 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެމައްސަލަ ބަލައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި ހެކިތަކަށް ބަލާއިރު އެސްޓީއޯއިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ކްރެޑިޓަށް ނެގިކަން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

އެމައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެސްޓީއޯއިން ކޯޓުގައި ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ހުކުމުގައި ބުނެފައިވަނީ، ވައްކަމުގެ މައްސަލައިގައި ލިޔުންތައް ގެއްލިގެން މައްސަލަ ބަލައި ދިނުމަށް އެދި އެސްޓީއޯއިން ފުލުހުންނަށް މައްސަލަ ހުށަހެޅި އޮކްޓޫބަރު 2011ގައި ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް މެރީޑިއަމްގެ މައްޗަށް ދައުވާކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ފަހުން ދައުވާ އަނބުރާ ގެންގޮސް އަލުން ހުށަހެޅީކަމަށް ގާޒީ ވިދާޅުވި އެވެ.