06 Oct 2016, 13:26
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ޑެންމާކްގެ ޓުއާ އޮޕަރޭޓަރު ޕްރީމޯ ޓުއާސް އަދި ކެނަރީފް ރިސޯޓް މޯލްޑިވްސްއާ ގުޅިގެން ދަނީ ޗާޓަރު ފްލައިޓުތަކެއް ބާއްވަމުންނެވެ. އެގޮތުން ދެހާސް ފަނަރަވަނަ އަހަރުގެ ޖެނުއަރީ މަހު، ޑެންމާކުން އައްޑޫ ސިޓީއަށް ދަތުރުކުރަން ފެށި ސީޒަނަލް ޗާޓަރު ފްލައިޓުތައް މި އަހަރުވެސް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ފިނި މޫސުމުގައި ޖެނުއަރީއިން އޭޕްރިލް މަހުގެ ނިޔަލަށް، އަދި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެ ފްލައިޓުތައް ގަމަށް ދަތުރުކުރިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ، މި އަހަރުވެސް ޑެންމާކުން ޗާޓަރު ފްލައިޓުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނާނެ ކަމަށެވެ.
"ޝެޑިއުލެއްގެ ދަށުން ޗާޓަރު އޮޕަރޭޝަންތައް ޑެންމާކުން އައްޑޫއަށް މިއަހަރުވެސް ކުރާނެ. ނޮވެމްބަރު މަހު މި ފްލައިޓުތައް ފަށާނެ. މި ފްލައިޓުތައް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމެއްގައި އައްޑޫއަށް އަންނަ ގޮތަށް ހަމަޖެހިފައި އޮންނަނީ،" އިބްތިޝާމާ ވިދާޅުވިއެވެ.
އެހެންނަމަވެސް ކެނަރީފް ރިސޯޓުން ބުނާގޮތުން، ޑެންމާކުގެ ފްލައިޓުތައް އަންނާން ފަށާނީ ޑިސެމްބަރު 21 އިން ފެށިގެންނެވެ.
މި ފްލައިޓުތަކުގެ ސަބަބުން، ވިލާތުގެ "ހޮލިޑޭ ސީޒަން" ދުވަސްވަރުގައި އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރައި ދެއެވެ. އަދި އެ ޗާޓަރު ފްލައިޓުތަކުގައި އަންނަ ފަތުރުވެރިންގެ ސަބަބުން އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓުގެ އޮކިއުޕެންސީވެސް މަތިވެ، އެއްވަރެއްގައި ހިފެހެއްޓެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އެއާޕޯޓު އަޕްގްރޭޑުކޮށް، ސީޕްލޭން ބޭހެއް ވެސް އެތަނުގައި ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާ އިރު، އެ އެއާޕޯޓުން ދަނީ ބޭރުގެ ފްލައިޓުތައް ގަމަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ ހުއްދަ ލިބުމާ އެކު ހަފްތާއަކު ހަތަރު ދަތުރުކުރުމަށް ތައްޔާރުވެފައިވާ އިރު، އިތުރު އެއާލައިންތައް ވެސް އައްޑޫއަށް ގެނައުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ދަނީ މަޝްވަރާތައް ކުރަމުންނެވެ.