ރައްޔިތުންނަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާނުލާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވެއްޖެ އެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް ދެ ގުނައަށް ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް މިއަދު ބަހުސް ކުރައްވަމުން އަލީ ސަލީމް ވިދާޅުވީ ސަބްސިޑީ ކަނޑާނުލާ ކަަމަށާއި ސަރުކާރުން ކުރި ކަމަކީ ސަބްސިޑީ ދިނުމުގައި ގައުމަށް ފައިދާހުރި ރަނގަޅުގޮތެއް ހޯދަން މަސައްކަތް ފެށީ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދިޔަ ސަބްސިޑީ ކަނޑައެއް ނުލާ. ސަބްސިޑީ ދިނުމުގައި ސަރުކާރުން އިތުރަށް ވިސްނާފަ އިތުރު ގޮތްތަކެއް، އިތުރު މަގެއް ދައުލަތަށްވެސް ފައިދާހުރި، ރައްޔިތުންނަށްވެސް ފައިދާހުރި، ގައުމަށްވެސް ފައިދާހުރި ރަނގަޅުގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީމަ އެއަކަށް ސަރުކާރުން ސަބްސިޑީ ކަނޑާލިއްޔެކޭ ނުބުނެވޭނެ." އަލީ ސަލީމް ވިދާޅުވި އެވެ.

އަލީ ސަލީމް ވިދާޅުވީ މިހާރުވެސް ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކަށް އެ ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންތައްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި، ސަބްސިޑީ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅޭނެހެން ވާހަކަފުޅު ދައްކަވަމުންދާ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ދެއްކެވި ވާހަކަފުޅަށް އަލީ ސަލީމް ވަނީ ފާޑުވިދާޅުވެ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. ސަބްސިޑީއަށް ކުއްލިއަކަށް ބަދަލެއް ގެނައުމުން ރައްޔިތުންނަށް ނުތަނަވަސް ކަމެއް ލިބޭނެ ކަމަށާއި، އެކަމަކު އެކަން ބޮޑުކޮށްގެން އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އިސްލާމު ދީނުގައި ކޮންކަހަލަ ކަމެއްތޯ އަލީ ސަލީމް ވަނީ އަނާރާ އާ ސުވާލު ކުރައްވާފަ އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމު ---- ފޮޓޯ/ މަޖިލިސް

މިއަދުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ބަދަލު އަންނަ ކަަމަށާއި އެގޮތުން ތަންތަނުގެ ކުލި ބޮޑުކުރާ ކަމުގެ ޝަކުވާވެސް ރައްޔިތުން ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ބޮޑު ބަދަލެއް ގެންނަ އިރު ސަރުކާރުން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކަށް ފަސޭހަގޮތެއްގައި ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިސްލާމު ދީނުގައި ފަގީރުންނަށް ދޭން ނިންމާފަ އޮންނަ އެއްޗެއް މަހަކު 85،000 ރުފިޔާ ލިބޭ މެންބަރަކު ނަގައިގެން ކެއުމަށް މަޖިލީހުގައި ވަކާލާތު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ އިދިކޮޅު ފަރާތްތަކާ އަލީ ސަލީމް ވަނީ ސުވާލު ކުރައްވާފަ އެވެ.