މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 35 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް ބާސްކެޓްބޯލް ކްލަބު ހޯދައިފި އެވެ.

މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަން ޓީރެކްސް އިން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރެޑްލައިން ކްލަބު އަތުން މޮޅުވެގެންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ލީގުގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ރެޑްލައިންގެ މައްޗަށް ޓީރެކްސް އިން ކުރި ހޯދާފައިވަނީ 72-54 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޓީރެކްސްގެ ރިކިން ޕެތަނީ އެވެ. އެ މެޗުން ބަލިވުމާ ގުޅިގެން ދެން ރެޑްލައިން އިން ވާދަކުރަން ޖެހޭނީ ސެމީގެ ތިން ވަނަ މެޗުގައެވެ.

ސެމީގެ ދެ ވަނަ މެޗުގައި އިއްޔެ ދަ ބައުސް ސްޕޯޓްސް ކްލަބު ވަނީ ކުޑަހެންވޭރު ޔުނައިޓެޑް އަތުން މޮޅުވެފައެވެ. އެ މެޗުން ދަ ބައުސް މޮޅުވެފައިވަނީ 100-37 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބައުސް އަށް 36 ޕޮއިންޓް ހޯދައިދިން މާކޯ ސަމަނޮވިޗް އެވެ. ކުޑަހެންވޭރަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު އިރު، ބައުސް ދެން ވާދަކުރަން ޖެހޭނީ ސެމީގެ ތިން ވަނަ މެޗުގައެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ސެމީގެ ތިން ވަނަ މެޗު މިރޭ ކުރިއަށްދާނެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވި ރެޑްލައިން އާއި ދެ ވަނަ ސެމީން މޮޅުވި ދަ ބައުސް އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.