ދިވެހިރާއްޖޭގެ ސަފީރުންގެ ގޮތުގައި ދެ ގައުމަކަށް ހަމަޖައްސަވާ ބޭފުޅުން ކަނޑައަޅައިދެއްވުމަށް އެދި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ދެ ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހަޅުއްވާ ދެ ބޭފުޅުންނަކީ ޖަރުމަނުގައި ހުންނަވާ ސަފީރު ކަަމަށް ހ. ވައިޓްޑައިމަންޑް، ޖަމީލާ އަލީ ޚާލިދާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ކަމަށް ގ. ޕެންޒީމާގެ، އައިޝަތު ޝާން ޝާކިރު އެވެ.

މި ބޭފުޅުން ސަފީރުންގެ ގޮތުގައި އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމަށް، އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށެވެ.

ޖަރުމަނު އެމްބަސީއަށް އައްޔަން ކުރުމަށް ރައީސް ހުށަހެޅުއްވި، ޖަމީލާ މިހާރު ހުންނެވީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމުގައެވެ. ޖަމީލާއަކީ މީޑިއާގެ ދާއިރާއާއި ތައުލީމީ ދާއިރާގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ ކަނބަލެކެވެ.

ޝާންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި، މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައިވޭ ބޭކަނބަލެކެވެ.

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު އާސިމް، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.