06 Oct 2016, 12:47
ޔުނައިޓެޑް ވިކްޓަރީއަށް ކުޅޭ ސީރިއާ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އެގައުމުގެ ގައުމީ ޓީމަށް ނަގައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ހަތަރު ބިދޭސީ ކީޕަރުންގެ ތެރޭގައި ހިމެނޭ، ޔޫވީގެ މަހުމޫދު ވަނީ މީގެ ކުރިން ސީރިއާގެ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއިން މިއަދު ޗައިނާއާ ދެކޮޅަށް އަދި މިމަހުގެ 11 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ކުޅެން ނެގި ސްކޮޑްގައި މަހުމޫދު ވަނީ ހިމަނާފައެވެ. އޭނާ އެނބުރި ޔޫވީއާ ގުޅޭނީ އެ ދެމެޗަށް ފަހުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގައި މަހުމޫދު އަތުން ބޯޅަ ހޯދުމަށް މާޒިޔާގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މީގެ ކުރިން ސީރިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ މަހުމޫދު އަންނަނީ ޔުނައިޓެޑް ވިކްޓަރީގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގެ ހަތަރު ވަނައިގައި ޔޫވީއޮތުމުގެ ފަހަތުގައި ވެސް މަހުމޫދުގެ ހިއްސާ ވަރަށް ބޮޑެވެ.
އޭޝިއަން ކަޕް ޕްލޭއޮފްގައި ރާއްޖެއިން ލާއޯސްއާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް ލީގު މެދު ކަނޑާލާފައިވާއިރު ދެން އަލުން ލީގުގެ ކުޅުން ފެށުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޔޫވީގެ މެޗު 17 ވަނަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ އިރު އެ މެޗަށް މަހުމޫދު މާލެ އައިސް ޓީމާ ގުޅޭނެއެވެ.