06 Oct 2016, 12:23
މިއަހަރު އިންޑިއާގެ ނިއުދިއްލީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވާން ނިންމައިފިއެވެ.
އުރީދޫއިން މިއަދު ވަނީ، އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި، އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ވަނީ މިދިޔަ 11 އަހަރު ރާއްޖޭގެ އިގްތިސާދަށާއި މުވާސަލާތީ ދާއިރާއަށް އިންގިލާބުތަކެއް ގެނެސްފައި ކަމަށެވެ. އަދި އުރީދޫއަކީ، ފަތުރުވެރިކަން ނަގާފައި، ޕްރައިވެޓް ސެކްޓަރުގައި މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ފޮރިން އިންވެސްޓްމެންޓް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފޮރިން އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލާފައިވާ އިރު، އެފަރާތްތަކަށް ރާއްޖޭގައި އެންމެ ބޭނުންވާނެ އެއް ޚިދުމަތަކީ މުވާސަލާތީ ޚިދުމަތް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ސަރަހައްދުތަކުގައި އިންވެސްޓަރުން މަސައްކަތް ކުރާ އިރު އެސަރަހައްދުތަކަށް މުވާސަލާތީ ޚިދުމަތް ލިބޭނެކަމުގެ ޔަގީންކަން އިންވެސްޓަރުނަނަށް ލިބެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް އެސްއީޒީ ފަދަ ސަރަހައްދުތައް ހަދާފައި އޮތް އިރު، އިންވެސްޓަރުން ބޭނުންވާނެ އެ އިންޓަނެޓާއި ޓެލެކޮމް ޚިދުމަތްތައް އެސަރަހައްދުން ވެސް. ރިސޯޓު ހަދަން އަންނަ ބަޔަކުވެސް ފުރަތަމަ ބޭނުންވާނީ އިންޓަނެޓު ނުވަތަ ކަނެކްޓިވިޓީ. އަޅުގަނޑުމެން އިންވެސްޓަރުންނަށް ކަށަވަރުކޮށްދޭނަން، އަޅުގަނޑުމެން ތިބީ އެކަން ފޯރުކޮށްދޭން ތައްޔާރަށް ކަން،" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ދެވަނަ ފޯރަމުގައި ވެސް ބައިވެރިވެފައެވެ.