07 Jun 2011, 15:17
މާލޭގެ ބައެއް ސެލޫންތަކާއި ކްލިނިކްތަކުގެ ނަމުގައި ހަށިވިއްކަމުންދާ ތަންތަނާ ގުޅޭ ގޮތުން ސަންގެ ފަރާތުން ހިންގި އިންވެސްޓިގޭޝަން ގެނެސްދެވިފައި ވަނީ އިސްލާމީ ތަރަހައިގެ ތެރެއިން ގެންނަންވީ އަދަބީ ރިވެތި އުސޫލުތަކުގެ މަތިން ނޫންކަމަށް ގަބޫލުކޮށް، އެކަމަށްޓަކައި އާންމުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ސަންގެ މެނޭޖްމަންޓުން މިއަދު ބުނެފި އެވެ.
ސަންގެ މެނޭޖްމަންޓުގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި އާންމުވަމުންދާ ހަށިވިއްކުމުގެ ވިޔަފާރިއާ ގުޅޭ ގޮތުން ހިންގި އިންވެސްޓިގޭޝަންގެ ރިޕޯޓްތައް ގެނެސްދެވިފައި ވަނީ އިސްލާމީ ތަރަހައިގެ ތެރެއިން ގެންނަންވީ އަދަބީ ރިވެތި އުސޫލުތަކުގެ މަތިން ނޫން ކަމަށް އާންމުންގެ ވަރަށް ގިނަ ބަޔަކު ޝަކުވާ ކޮށްފައިވާ ކަމަށެވެ. ސަންގެ މެނޭޖްމަންޓުގެ ފަރާތުން އެކަން ގަބޫލުކޮށް އެކަމަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަން އޮންލައިނާއި ސަން މެގަޒިންގައި ޝާއިއު ކުރާ ލިޔުންތަކަކީ ޕްރޮފެޝަނަލް މިންގަނޑެއްގައި ހިފަހައްޓާނެ ލިޔުންތަކެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
"...]ހަށިވިއްކާ ތަންތަނާ ގުޅޭ ގޮތުން[ ޝާއިއު ކުރި ރިޕޯޓްތައް ގެނެސްދެވިފައި ވަނީ އިސްލާމީ ތަރަހައިގެ ތެރެއިން ގެންނަންވީ އަދަބީ ރިވެތި އުސޫލުތަކުގެ މަތިން ނޫން ކަމަށް އާންމުންގެ ގިނަ ބަޔަކު ޝަކުވާކޮށްފައިވާތީ އެކަން ގަބޫލުކޮށް، އާންމުންގެ ކިބައިން މައާފަށް އެދެން،" އެ ބަޔާނުގައިވެ އެވެ. "ކުރިއަށް އޮތް ތަނުގައި ސަން އޮންލައިނާއި ސަން މަޖައްލާގައި ޝާއިއު ކުރާ ލިޔުންތަކަކީ އާންމުންނަށް ކަމުދާ ޕްރޮފެޝަނަލް މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާނެ ލިޔުންތަކެއް ކަމުގެ ޔަގީންކަން ވެސް އަރުވަން."
އެ ބަޔާނުގައި ބުނެފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރިއާ ގުޅޭ ގޮތުން ސަންގެ ފަރާތުން ލިޔުނީ ރާއްޖޭގައި އެކަންތައް ހިނގާކަން އާންމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވުމުގެ މާތް މަގުސަދުގައި ކަމަށެވެ. އަދި ބުނެފައި ވަނީ ބިދޭސީ އަންހެނުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާތާ އެތެއް އަހަރެއް ވެފައިވާއިރު އެތައް ބަޔަކު އެ ނާސިގެތަކުން "ހިދުމަތް" ހޯދަމުން އަންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މަސާޖު ސެންޓަރު ފަދަ ތަންތަން ރެގިއުލޭޓް ނުކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވާތީ ސަންގެ މެނޭޖްމަންޓުގެ ފަރާތުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ހަށިވިއްކުމުގެ ނުބައި ވަބާ ހުއްޓުވުމަށް މިވަގުތު ހަރުކަށި ފިޔަވަޅު ނާޅައި ދޫކޮށްލައިފި ނަމަ، މަސްތުވާތަކެތީގެ ވަބާ ރާއްޖެ އަށް ފެތުރިގެން ދިޔަ ފަދައިން ހަށިވިއްކުމުގެ ވިޔަފާރިތައް ވެސް ފެތުރިގެން ހިނގައިދާނެ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކައިވެނިން ބޭރުގައި ވިހެއުމާއި ތުއްތު ކުދިން މެރުމާއި ކުޑަކުދިން ޖިންސީ ގޮތުން ޝިކާރަ ކުރުން ފަދަ އިޖްތިމާއީ ބޮޑެތި ޖަރީމާތައް އާންމުވެ، ގައުމުގެ އިޖްތިމާއީ ފޭރާން ކުދިކުދިވަމުންދާ މި ދަނޑިވަޅުގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާވުމަށް ޖާގަ ދިނުމަކީ އިތުރު މައްސަލަތަކަށް ހުޅުވޭނެ ދޮރެއް ކަމަށެވެ. ނަމަވެސް އެފަދަ ކަންތައްތައް އާންމުވެ ނުދިޔުމަށް ސަންގެ ޓީމުން އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.