މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި އެޓީމުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާގެ އެޖެންޓް ޑިމިޓްރީ ސެލެޗު ބުނެފިއިއެވެ.

ޓޫރޭގެ އެޖެންޓް ޑިމިޓްރީ އެހެން ބުނެފައިވަނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖް މެޗުތަކަށް ގާޑިއޯލާ ނެގި ސްކޮޑުގައި ޓޫރޭއަށް ޖާގަ ނުދީފައިވާ ދަނޑިވަޅެއްގައެވެ.

"މި ސީޒަން ނިމެންދެން ޓޫރޭ ހުންނާނެ ސިޓީގައި. ކޮންޓްރެކްޓް ވެސް ހަމަވާނީ މި ސީޒަނަށް ފަހު. ސީޒަން ނިންމާލުމަށް ފަހު ޓޫރޭގެ މުސްތަގްބަލާ މެދު ގޮތެއް ނިންމާނީ،" ޑިމިޓްރީ ބުންޏެވެ.

ޓޫރޭއާ ގުޅޭ ގޮތުން ޑިމްޓްރީ ވާހަކަ ދައްކާފައިވާއިރު ދާދި ފަހުން ވަނީ ގާޑިއޯލާއާއި ޑިމިޓްރީއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި ގާޑިއޯލާ ވަނީ ޓޫރޭ ޓީމުން ޖާގަ ބޭނުން ނަމަ އޭނާގެ އެޖްންޓް މާފަށް އެދުމަށް ވެސް ގޮވާލާފައެވެ.

"އެއްވެސް ޝައްކެތް ނެތް ޓޫރޭއާ ގާޑިއޯލާއާ ދެމެދު އެއް ވެސް މައްސަލައެއް ނެތް ކަމަށް. މައްސަލަ ޖެހިފައިވާނީ އަހަންނާ ގާޑިއޯލާއާ ދެމެދު. އޭގެ އެއްވެސް އަސަރެއް ޓޫރޭއަށް ކޮށްގެން ނުވާނެ،" ޑިމިޓްރީ ބުންޏެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ޓޫރޭ ސިޓީއަށް ވިއްކާލީ 2010 ވަނަ އަހަރު ގާޑިއޯލާ ބާސެލޯނާއަށް ކޯޗުކޮށްދިން ދުވަސްވަރުއެވެ. އޭނާ ސިޓީއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހަކަށް އައިސް އަނިޔާގެ މައްސަލަތަކާއެކު ކުރީގެ މޮޅު ކުޅުން ވަނީ ދެއްކޭ ގޮތް ނުވެފައެވެ.

މިސީޒަނުގައި ވެސް ޓޫރޭއަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ މެޗެކެވެ. އަދި އޭނާ ސިޓީ ދޫކޮށް އިޓަލީގެ އިންޓަރ މިލާނަށް ދާން އުޅޭ ކަމުގެ އަޑުތަށް ވެސް ވަނީ ގަދަވެފައެވެ.

"ހަމައެކަނި އިޓަލީގެ ޓީމުތަކަކުން ނޫން ވަރަށް ގިނަ ޓީމު ތަކުން ޓޫރޭ ބޭނުންވޭ. ނަމަވެސް އަދި ގޮތެއް ނިންމާކަށް ނުވިސްނާ،" ޑިމިޓްރީ ބުންޏެވެ.