06 Oct 2016, 11:23
ތޭން(އޮކްޓޯބަރު 6): އެމެރިކާގެ ޓެކްސް އޮފިޝަލުންނަށް ހެދިގެން، އެމެރިކާ ރައްޔިތުންނަށް ގުޅައި، ދުވާލަކު އެތައް ހާސް ޑޮލަރު ހޯދުމުގައި ބައިވެރިވި އިންޑިއާގެ 750 މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ތޭން ސިޓީގައި ހުރި ކޯލް ސެންޓަރުތަކެއްގައި މަސައްކަތް ކުރަމުން ދިޔަ އެމީހުން ގުޅާފައި ވަނީ ޓެކްސް ނުދައްކާ ތިބި އެމެރިކާ ރައްޔިތުންނަށް ކަމަށް ފުލުހުން ބުންޏެވެ.
އަދި ބައެއް މީހުންނަށް އިންޒާރު ދީގެން އެމީހުންގެ ބޭންކް އެކައުންޓުގެ ތަފްސީލު ހޯދާފައިވާ އިރު އެހެން މީހުންނަށް އެކި ކުންފުނިތަކުން ގިފްޓް ވައުޗަރު ގަތުމަށް މަޖުބޫރު ކުރުވި އެވެ. ދެން އެވައުޗަރުގެ އައިޑީ ނަމްބަރު ހޯދައި، އެމީހުންނަށް އޮޅުވާލި މީހުން ވައުޗަރު ބޭނުން ކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ސްކޭމްގެ ޒަރިއްޔާއިން އެމީހުން ދުވާލަކު 150،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދާފައިވެ އެވެ. އަދި އެކަމުގައި ބައިވެރިވާ އެމެރިކާ މީހުންނަށް ފައިސާގެ 30 ޕަސެންޓު ދީފައިވާ އިރު ބާކީ 70 ޕަސެންޓު ދިޔައީ އިންޑިއާގައި ތިބެގެން މަަސައްކަތް ކުރާ މީހުންނަށް ކަމަށް ފުލުހުން ހާމަ ކުރި އެވެ.
ތޭންގެ އެކި ސަރަހައްދުގައި ހުރި އެ ކޯލް ސެންޓަރުތައް ބަލައި ފާސް ކުރުމުގައި 200 ވަރަކަށް ފުލުހުން މުޅި ބުދަ ދުވަހުގެރޭ ހޭދަކޮށްފައިވާ ކަމަށް ތޭންގެ ޕޮލިސް ކޮމިޝަނަރު ޕަރަމްވިރް ސިންހް ވިދާޅުވި އެވެ.
އިންޑިއާ ފުލުހުން މިހާރު ވަނީ މައްސަލަ ބެލުމަށް އެފްބީއައިގެ އެހީއަށް އެދިފައެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީއާއެކު މައްސަލަ ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. (ބީބީސީ)