މީގެން ޒަމާނަކު ރާއްޖެއަށް ނުލިބޭވަރަށް އާމްދަނީ ލިބެމުން އަންނައިރު ސަބްސިޑީ ކަނޑާލައިގެން ނުވާނެ ކަމަށް ސަރުކާރު ހިންގާޕާޓީއަށް ނިސްބަތްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް ދެ ގުނައަށް ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް މިއަދު ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރާއްޖެއަށް މަދުން އާމްދަނީ ލިބެމުން އައިއިރު ދިން ސަބްސިޑީ މިއަދު ދެވެންޖެހޭނެ ކަމަށެވެ.

"ރައީސް މައުމޫންގެ ދައުރުގައި 150 މިލިއަން ބަޖެޓުންވެސް ބަޖެޓު ދެމުން ދިޔައީ، އެއް ބިލިއަން އޮތްއިރުވެސް ތިން ބިލިއަން އޮތްއިރުވެސް ދިޔައީ ދީގެން، ދިވެހި ރާއްޖޭގެ އާމްދަނީ ދުވަހަކު ނުލިބޭވަރަށް އެބަލިބޭ ދެން ކީއްވެގެންތޯ މިއަދު ކާޑުގެ ބާވަތްތައް ބޮޑުވެގެންދާންވީ؟" ސަލީމް ވިދާޅުވިއެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) --- ފޮޓޯ/ މަޖިލިސް

ރައްޔިތުންނަށް ހެޔޮ އެގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ގަނެވެން ނެތް މީހާއަށް ހިލޭވެސް ދިނުމަކީ ވެރިމީހާ ކުރަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އެސްޓީއޯއަށް ދައުލަތުގެ ބިންތައް އާދަޔާ ޚިލާފު ހެޔޮ އަގުގައި ދީފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މާލޭން ގިނަ އަދަދެއްގެ ބިންތަކެއް އެސްޓީއޯއަށް ހެޔޮ އަގުގައި ދީފައިވާ ކަމަށާއި އެހެން ކަމުން ކާޑުގެ އަގު އެސްޓީއޯއިން ވެސް ހެޔޮކުރެވެން ވާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ދާދި ފަހުން ވިދާޅުވީ އެކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.