06 Oct 2016, 11:19
މިސްރުގެ އާ އިދާރީ ކެޕިޓަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޔޫއެސްއޭ ޓުޑޭ ނޫހުގައި ބުނެފައިވާ ގޮތުގައި އެގައުމުގައި ތަރައްގީ ކުރާ އާ އިދާރީ ކެޕިޓަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ ސަރުކާރު ހިއްސާވާ ޗައިނާ ފޯޗޫން ލޭންޑް ޑިވެލޮޕްމެންޓް ކުންފުންޏާ ހަވާލުކޮށްފައިވަނީ 20 ބިލިއަން ޑޮލަރަށެވެ.
ޗައިނާގެ ކުންފުންޏާ ހަވާލުކުރި މި ކޮންޓްރެކްޓް މަސައްކަތުގެ ދަށުން މިސްރުގެ ވެރިރަށް ކައިރޯގެ އިރުމަތީ ސަރަހައްދުގައި ސަރުކާރުގެ ޚިދުމަތްދޭ 14 އިމާރާތް ބިނާ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވިޔަފާރި ފެއާތައް ބޭއްވުމަށް ޚާއްސަ ޒޯނަކާއި 5،000 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރެއް ވެސް އެ ސަރަހައްދުގައި ގާއިމް ކުރަން ހަމަޖެހިފައިވެއެވެ.
ތަރައްގީގެ މި މަޝްރޫއުތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އެ ސަރަހައްދުގެ 57 މިލިއަން ސްކެއާ މީޓަރުގެ ބިމެއްގައެވެ.
މިސްރުގެ އާ އިދާރީ ކެޕިޓަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ރަށް ތަރައްގީ ކުރުމުގެ މުޅި މަޝްރޫއަށް ޖުމްލަ 45 ބިލިއަން ޑޮލަރު ހޭދަވާނެއެވެ. މި މަޝްރޫއު އެއްކޮށް ނިންމާލެވޭނީ 2021 ވަނަ އަހަރު ކަމަށް އެގައުމުން ވަނީ ލަފާކޮށްފައެވެ.