06 Oct 2016, 10:05
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރި ހޯދައިގެން ތާވަލުގެ ހަތަރު ވަނައަށް އެ ޓީމް ޖެހިލައިފިއެވެ.
އެ މޮޅާ އެކު ނިއު ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރު ވަނައިގައި އޮތްއިރު އިއްޔެގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ފަސް ވަނައިގައެވެ. ހަ ވަނައިގައި ވިކްޓަރީ އޮތް އިރު ހަތް ވަނައިގައި އޮތީ ބީޖީއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ވެލެންސިއާ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާ ކޮޅަށް ނިއު އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފަރުހާން އިބްރާހިމް އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ ތާވަލްގެ އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބްގެ މެޗެވެ. މާޒިޔާއަށް އެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސްއާ އެއް ޕޮއިންޓަށް ފަރަގު ކުޑަކުރެވޭނެއެވެ. އީގަލްސްއަށް 13 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ޓީސީއަށް ލިބިފައި ވަނީ 14 ޕޮއިންޓެވެ.
ޓީސީ އާއި އީގަލްސްއަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފައިވާއިރު އަނެއް ދެ ޖާގަ ހޯދުމުގެ ފުރުސަތު، މާޒިޔާ، ނިއު، ވެލެންސިއާ އަދި ވިކްޓަރީއަށް ވެސް އެބައޮތެވެ.