ތ. ދިޔަމިގިއްޔަށް ކަރަންޓް ދޭ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށުން ކަރަންޓް ކެނޑިއްޖެ އެވެ. ރަށު ކައުންސިލުން ބުނީ އަލަށް ކަރަންޓް ލިބޭނެ އިރެއް ވެސް ނޭނގޭ ކަމަށެވެ.

ދެ ޖެނަރޭޓަރު ހަލާކުވެ ދިޔަމިގިލިން ކަރަންޓު ދިޔައީ މިއަދު ހެނދުނު އެވެ.

"މިރަށުގެ ކަރަންޓްގެ މައްސަލަ ބޮޑުކަމުން އަޅުގަނޑުމެން ތަކުރާރުކޮށް ވާނީ ސައުތު ސެންޓްރަލް ޔުޓިލިޓީސް ކުންފުންޏަށް އަންގާފައި. އެ ބޭފުޅުން އެބަ އޮތް ސިޓީއެއް ފޮނުވާފައި، ނަމަވެސް މައްސަލަތައް ހައްލުކުރުމަށް ހޭދަވާނެ މުއްދަތެއް އެބޭފުޅުން ބަޔާންކުރައްވާފައެއް ނުވޭ. ވިދާޅުވެފައި ވަނީ މިއަހަރު ތެރޭގައި ހައްލު ވާނެކަމަށް،" ރަށު ކައުންސިލުގެ ރައީސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް މިއަދު ވިދާޅުވީ ކަރަންޓް ކެނޑުމާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައި ވީނަމަވެސް ރައްޔިތުން ތިބީ ކެތްތެރިކަމާއެކު ކަމަށެވެ.

" މިރަށުގެ ކަރަންޓްގެ މައްސަލަ ވަރަށް ބޮޑުވެފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ. އެންމެ ފަހުން މިއަދު ދެ ޖަނަރޭޓަރު ވެސް ހުއްޓި ރަށުން ކަރަންޓް ދިޔައީ،" ރިޔާޒް ވިދާޅުވި އެވެ.
ދިޔަމިގިލީ އިންޖީނު ގޭގައި ހުންނަނީ 140 ކިލޯވޮޓްގެ ޖަނަރޭޓަރަކާ 60 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.

ސައުތު ސެންޓްރަލް ޔުޓިލިޓީސް ކުންފުނިން ހިންގަމުންދާ ދިޔަމިގިލި އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު އަހުމަދު މޫސާ ވިދާޅުވީ 140 ކިލޯވޮޓްގެ ޖަނަރޭޓަރު ހުރީ މިދިޔަ ހަފުތާގައި އަޑީތެޔޮ ބަދަލުކުރަން ނިއްވާލުމަށް ފަހު ހިންގަން އުޅެ ނުހިގާފައި ކަމަށެވެ. އޭގެ ފަހުން 60 ވޮޓްގެ ޖަނަރޭޓަރުން ކަރަންޓް ދެމުން ދަނިކޮށް އެޖަނަރޭޓަރު އޯވަލޯޑްވެ ނިވުނު ގޮތަށް ސްޓާޓް ނުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކުރިން ހަލާކުވި ޖަނަރޭޓަރު ވިއްކި ފަރާތުން ވޮރެންޓީ ދީފައި ވިޔަސް ވޮރެންޓީ އެއްބަސްވުމުގައި ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމުން އެކަން ބަލައިދޭންޖެހޭ ވަކި ވަގުތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެފަރާތުގެ އެހީތެރިކަން އަދި ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސައުތު ސެންޓްރަލް ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހު ވިދާޅުވީ ދިޔަމިގިލިން ކަރަންޓް ދިޔަ މައްސަލަ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ.