06 Oct 2016, 09:47
ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7 ފޯނުތަކުގެ ބެޓެރީގައި ދޮން ބޮޑުވެ، ރޯވާން ދިމާވި މައްސަލައާ ގުޅިގެން ކުރިން ނެރެފައިވާ ފޯނުތައް އަނބުރާ ހޯދުމަށް ފަހު، މައްސަލަ ރަނގަޅު ކުރުމަށް ފަހު އަލުން ބާޒާރަށް ނެރުނު ފޯނެއްގައި ރޯވެއްޖެ އެވެ.
އެމެރިކާގެ ކެންޓަކީން މެރީލޭންޑަށް ދަތުރު ކުރަން ހަމަޖައްސާފައި އޮތް ސައުތްވެސްޓް އެއާލައިންސުގެ ފްލައިޓެއްގައި އޮތް އެފޯނުގައި ރޯވުމާ ގުޅިގެން ފްލައިޓު ކެންސަލްކޮށް، ހުރިހާ ފަސިންޖަރުން ބޯޓުން ނެރެފައިވާ ކަމަށް އެ އެއާލައިންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
"އިލެކްޓްރޯނިކް އާލާތަކުން ދުން އަރާކަމަށް ކަސްޓަމަރު ރިޕޯޓު ކުރުމުން ހުރިހާ ފަސިންޖަރުންނާއި ކުރޫއިން ވަނީ ސަލާމަތްކަމާއެކު މައި ކެބިން ދޮރުން ނިކުމެފަ،" ތަރުޖަމާނު ވިދާޅުވި އެވެ.
ފްލައިޓު ތެރޭގައި ރޯވި ނޯޓް 7 ގަނެފައި ވަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު ކަމަށް ފޯނުގެ ވެރިޔާ، ބްރައަން ގްރީން ބުންޏެވެ. އަދި ރަނގަޅު ފޯނުތައް ފާހަގަ ކުރުމަށް ސެމްސަންގުން އާފޯނު ފޮށިތަކުގައި ޖަހާފައިވާ ކަޅު ކުލައިގެ ހަތަރެސްކަން ގޮޅިއެއް އެފޯނުގެ ފޮށީގައި ވެސް ހުރި ކަމަށް ގްރީން ބުންޏެވެ.
އަދި ފޯނުން ދުން އަރަން ފެށި ވަގުތު ފޯނު އޮތީ ނިއްވާލާފައި ކަމަށްވެސް ގްރީން ބުންޏެވެ. ފޯނުން ދުން އަރަން ފެށުމާއެކު އޭތި ފްލައިޓް ތެރެއަށް އެއްލާލި ކަމަށާއި އޭގެ ފަހުން ފޯނުން 'އަޅި ފެހި ކުލައެއްގެ ދުން' އެރި ކަމަށް ގްރީން ބުންނެވެ.
މީގެ ކުރިން ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ފްލައިޓު ތެރޭގައި ނޯޓް 7 ޗާޖް ނުކުރުމަށާއި ފޯނު ނިއްވާފައި ބޭއްވުމަށް އަންގާފައެވެ.
ސެމްސަންގު ނޯޓް 7ގެ ބެޓެރި ހޫނުވެ، ފޯނުގައި ރޯވާން ދިމާވި މައްސަލަ ރަނގަޅު ކުރުމަށް ފަހު ފޯނު އަނެއްކާވެސް ބާޒާރަށް ނެރުނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. ނަމަވެސް އާފޯނުތަކުގައިވެސް ހޫނު ބޮޑުވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެން ފެށުމުން އެމައްސަލަ ބަލަމުންދާ ކަމަށް ސެމްސަންގުން ބުންޏެވެ. (ބީބީސީ)