06 Oct 2016, 09:35
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައިވުމާ ގުޅިގެން އިރާގަށް ލިބެމުން އައި އާމްދަނީ މަދުވުމާއެކު އެގައުމުގެ ފޮރިން ރިޒާވްސްވެސް ދަށަށް ގޮސްފިއެވެ.
އިރާގުގެ ދައުލަތުގެ މީޑިއާ، އަލް ސަބާ އިން އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ އަލް އަލަކްއާ ހަވާލާދީ ބުނެފައިވަނީ ތެލުގެ އަގުތައް ބޮޑުވެފައިވުމާ ގުޅިގެން އޯޕެކްގެ ގައުމުތަކުގެ އާމްދަނީ ދަށްވެ، އިރާގުގެ ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް އެގައުމުގެ ފޮރިން ރިޒާވްގައި 59 ބިލިއަން ޑޮލަރު ހުރި ނަަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ފޮރިން ރިޒާވްގެ ގޮތުގައި އެގައުމުގައި ހުރީ 50 ބިލިއަން ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. މި ހަފްތާގެ އަންގާރަ ދުވަހު އެމަނިިކުފާނު ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށާއި ތެލުގެ އަގު ބޮޑުކުރުމަށްފަހު އެކްސްޕޯޓްސް އިތުރު ކުރުމަށް ނިންމާފައެވެ.
އިރާގުން މިގޮތަށް ނިންމާފައިވަނީ އޯޕެކްގެ ގައުމުތަކުން ތެޔޮ އުފެއްދުން މަދު ކުރުމަށް ނިންމި ނިންމުމަށް ރިއާޔަތްކޮށް ގައުމަށް ގެނައި ސިޔާސަތެއް ކަަމަށް ބެލެވެއެވެ. ތެޔޮ އުފެއްދުން މަދު ކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނެ ކަމަށް އޯޕެކް އިން ލަފާ ކުރެއެވެ.