އުސްދޫދު(އޮކްޓޯބަރ 6): ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ހިތްވަރާއެކު މަސައްކަތްކުރި އަންހެން އެކްޓިވިސްޓުންގެ ބޯޓު ކަނޑުފޭރިގަތުމަށްފަހު އިސްރާއީލުގެ ބަނދަރަކަށް އެބޯޓާއެކު އެމީހުން ގެންގޮސްފިއެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އަންހެން އެކްޓިވިސްޓުން ޣައްޒާއަށް ދަތުރުކުރި ބޯޓު "ޒައިތޫނާ" ވަނީ އުސްދޫދު ބަނދަރަށް ގެންގޮސްފައެވެ. އަދި އެއިން ދަތުރުކުރި އަންހެނުންތައް އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ޒައިތޫނާއިން ދަތުރުކުރި އަލްޖަޒީރާގެ މުރާސިލާ އެއްކަމަށްވާ މީނާ ހަރްބުﷲ ބުނީ، އޭނާއާއެކު އެބޯޓުން ދަތުރުކުރި ހުރިހާ އަންހެން އެކްޓިވިސްޓުން އިސްރާއީލުން ބޭރުވުމަށް އިސްރާއީލުގެ ސިފައިން ދިނީ 72 ގަޑީއިރު ކަމަށާއި އެމީހުން މިހާރުތިބީ ފުރުމަށްޓަކައި އިސްރާއީލުގެ ޓެލްއަވީވުގެ ބެންގޯރިޔަން އެއަރޕޯޓްގައި ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ހިތްވަރާއެކު މިފަހަރު މަސައްކަތްކުރީ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ އަންހެން ގްރޫޕަކުންނެވެ. މި ގުރޫޕްގައި ގިނައީ ޔޫރަޕްގެ އަންހެނުންނެވެ. ނަމަވެސް އޭޝިޔާއާއި އެހެން ބައްރުތަކުގެ އަންހެނުންވެސް މީގައި ހިމެނެއެވެ. އެއްވެސް ފިރިހެނަކާނުލައި ހުސް އަންހެނުން ތިބެގެން މިބޯޓު ޣައްޒާއަށް ދިޔުމަށް ފުރީ ސްޕޭންގެ ބަނދަރަކުން މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ބުރަ އަދި އުނދަނގޫ ދަތުރަކަށްފަހު އަންހެން އެކްޓިވިސްޓުން މިދިޔަ ބުދަދުވަހު ޣައްޒާގެ ކަނޑުގެ ސަރަހައްދާ ގާތްވުމާއެކު އިސްރާއީލުގެ ކަނޑުގެ ސިފައިންވަނީ އެބޯޓު ކަނޑުފޭރިގެން އިސްރާއީލުގެ އުސްދޫދު ބަނދަރަށް ގެންގޮސް އަންހެން އެކްޓިވިސްޓުންތައް ވަގުތީގޮތުން ހައްޔަރުކޮށްފައެވެ. ނަމަވެސް އަންހެން އެކްޓިވިސްޓުންގެ ހިތްވަރުން އެމީހުންވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ އަނިޔާވެރި ޙިސާރުގެ ފިޔަވަޅުތަކުގެ މައްސަލަ އަނެއްކާވެސް ދުނިޔޭގެ ސަމާލުކަމަށް ގެނަސް އިސްރާއީލުގެ އަނިޔާވެރިކަން ދުނިޔެއަށް ހަނދާކޮށް ދިނުމުގައި ކާމިޔާބު ހޯދާފައެވެ.

އަންހެން އެކްޓިވިސްޓުންގެ ބޯޓު ޣައްޒާއަށް އަންނާނެ ކަމަށް ބަލައި ޣައްޒާގެ އަންހެނުންވަނީ އެމީހުންނަށް މަރްޙަބާ ކިޔުމަށް ޣައްޒާގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން މީގެކުރިންވެސް އެތަށް ފަހަރަކު މަސައްކަތްކޮށްފައިވެއެވެ. މިއިން ކޮންމެފަހަރަކުވެސް އިސްރާއީލުންވަނީ ހަރުކަށިކަމާއި އަނިޔާވެރިކަން ކުރިޔަށްނެރެ މިފަދަ އެކްޓިވިސްޓުންގެ ބޯޓު ކަނޑުފޭރި އެމީހުން ހައްޔަރުކޮށްފައެވެ. އަދި 2010 ވަނަ އަހަރު މިގޮތަށް ޣައްޒާއަށް ދަތުރުކުރި ތުރުކީގެ މަރްމަރާ ބޯޓު ބައިނަލްއަގްވާމީ ސަރަހައްދުގައި ވަނިކޮށް އިސްރާއީލު ސިފައިން އެބޯޓަށް އަރައި ބިރުވެރި ގަތުލުއާންމެއް ވަނީ ހިންގާފައެވެ.

މިގަތުލުއާންމުގައި އިސްރާއީލު ސިފައިންވަނީ ތުރުކީގެ 9 އެކްޓިވިސްޓުންގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. މިއާއެކު ތުރުކީންވަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައި އެކަމަށް މަޢާފަށްއެދި މަރާލި މީހުންގެ އާއިލާތަކަށް މާލީ ބަދަލު ދިނުމަށް އިސްރާއީލަށް މަޖްބޫރުކޮށްފައެވެ. (ނޫސްއެޖެންސީތައް)