06 Oct 2016, 09:31
ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 55 ޕަސަންޓު ހިއްސާ އޮންނަ 55ށް ވުރެ ގިނަ ގައުމުން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމާ އެކު، މި އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ އެގްރިމެންޓުގައިވާ ކަންކަން އަމަލީގޮތުން ތަންފީޒުކުރަން ފަށާނެއެވެ.
ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.
ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ މައި ދެ ގައުމު، ޗައިނާ އަދި އެމެރިކާއާ އެކު 62 ގައުމަކުން، އޮކްޓޫބަރު ދެވަނަ ދުވަހުގެ ނިޔަލަށް ޕެރިސް އެގްރިމެންޓު ތަސްދީގު ކޮށްފައިވެއެވެ. އެއީ ގާތްގަނޑަކަށް 52 ޕަސަންޓެވެ.
ޕެރިސް އެގްރިމެންޓު ތަންފީޒުކުރަން ފެށޭނީ، ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 55 ޕަސަންޓު ހިއްސާ އޮންނަ، 55ށް ވުރެ ގިނަ ގައުމުން އެ މުއާހަދާ ތަސްދީގު ކުރުމުންނެވެ.
އޮކްޓޫބަރު 22 ވަނަ ދުވަހު އިންޑިއާއިން އެގްރިމެންޓު ތަސްދީގުކޮށް، ކާބަން އެމިޝަންގެ 52 ޕަސަންޓު ހިއްސާ ހަމަކުރި އިރު، އިއްޔެ ވިލާތުގެ އިއްތިހާދުން ވަނީ މި މުއާހަދާ ތަސްދީގުކުރަން ފާސްކޮށްފައެވެ. ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 610 މެމްބަރުން ވަނީ މުއާހަދާ ތަސްދީގުކުރަން ވޯޓު ދީފައެވެ.
ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ އިތުރުން، ކެނެޑާއާއި ނޭޕާލުން ވެސް އިއްޔެ ވަނީ ޕެރިސް މުއާހަދާ ތަސްދީގުކޮށް، އެކަމުގެ ލިޔުންތައް އދ.އަށް ހުށަހަޅާފައެވެ.
މިހާރު ޕެރިސް އެގްރިމެންޓް ތަސްދީގުކޮށްފައިވަނީ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 56.87 ޕަސަންޓު ހިއްސާކުރާ، ދުނިޔޭގެ 72 ގައުމަކުންނެވެ.
ޕެރިސް އެގްރިމެންޓު ބުނާ ގޮތުން، މުއާހަދާ ތަންފީޒުކުރަން ބޭނުންވާ މިންވަރު ހާސިލުވާތާ 30 ދުވަހަށް ފަހު މުއާހަދާ ތަންފީޒުކުރަން ޖެހެއެވެ.
"މިއަދު އަޅުގަނޑު ވަރަށް އުފަލާ އެކު އިއުލާނުކުރަން، ޕެރިސް މުއާހަދާ ތަންފީޒުކުރަން ފެށުމަށް ބޭނުންވާ މިންވަރު ހާސިލުވެއްޖެކަން. ނޮވެމްބަރު ހަތަރުވަނަ ދުވަހު މި މުއާހަދާ ތަންފީޒު ކުރެވެން ފެށޭނެ،" އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވިދާޅުވިއެވެ.
ޕެރިސް މުއާހަދާ ތަންފީޒު ކުރުމަށް، ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު ނުވަތަ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޕެރިސް އެގްރިމެންޓުގައި ސޮއިކޮށް، އެ މުއާހަދާ ތަސްދީގުކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ދިވެހިރާއްޖެ ހިމެނެއެވެ.