07 Jun 2011, 14:24
ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އަދި ދިވެހިރާއްޖޭގެ އަޑު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[ އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށްޓަކައި އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްއެންބީސީ[ގެ ފަރާތުން ހައި ކޯޓަށް ވައްދާފައިވާކަން އެ ކޯޓުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު އެމްބީސީއާ ހަވާލު ކުރުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އެމްބީސީން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި މެއި 12، 2011 ގައި ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި މުވައްޒަފުން 20 ދުވަހުގެ ތެރޭގައި އެމްބީސީއާ ހަވާލު ކުރުމަށެވެ. އަދި ޓީވީއެމް އާއި އަޑުގެ ފްރިކުއެންސީ އާއި އާކައިވްތައް ވެސް އެމްބީސީއާ ހަވާލު ކުރުމަށް ގާޒީ ސުޖޫން ކުރެއްވި ހުކުމުގައި އަމުރުކޮށްފައިވެ އެވެ.