07 Oct 2016, 10:08
މިވަގުތު ރާއްޖޭގައި ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫޢަކީ ހުޅުލެއާ މާލެއާ ގުޅުވައިދޭ ގޮތަށް ކަނޑު ހުރަސްކޮށް އަޅާ ބްރިޖުގެ މަސައްކަތެވެ. ބްރިޖެއް ނޭޅޭނެއޭ، ބްރިޖު އަޅާނަމޭ ކިޔައި ގައުމުގެ އިސްވެރީން މީގެ ކުރިން ކުރަމުން އައި ބަހުސްތަކަށް ގޮން ޖަހާލައި، ބްރިޖު އަޅާ މަންޒަރު އެދަނީ ފެންނަމުންނެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން "އެވަރލާސްޓިންގް ފްރެންޑްޝިޕް"އަކަށް ބަދަލުކޮށްދޭ މި ބްރިޖުގެ މަސައްކަތް ދަނީ މާ ބޮޑަށް ވެސް ހަލުއިކޮށެވެ. ނަތީޖާއެއްގެ ގޮތުން، މަސައްކަތް ދަނީ ތާވަލަށް ވުރެ ވެސް ކުރިއަރައިގެންނެވެ. މިކަމުގެ ސިއްރަކީ ރެއާއި ދުވާލު މި މަސައްކަތްތައް ހިނގަ ހިނގާ އޮންނާތީއެވެ.
މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ނޫސް ވެރިންނައް ދައްކާލުމުގެ ތެރެއިން--- ސަން ފޮޓޯ: މާހިލް
ބްރިޖުގެ މަސައްކަތް، އޭގެ ދެފަރާތުން ފެށިގެން ކުރަމުން ދެއެވެ. މާލޭ ރާޅުގަނޑާ ދިމާލުން ނުފެންނަ އެތައް ކަމެއް ހުޅުލެއާ ވީ ފަރާތުން ފެނެއެވެ. ބްރިޖުގެ ތަނބު ޖެހުމަށްޓަކައި ކަނޑުގެ އަޑިއަށް ހަތް ހޮޅި ޕައިލްޑްރައިވް ކޮށް، ބައެއް ހޮޅިތަކަށް ކޮންކްރީޓު އަޅައިފިއެވެ.
މިއީ ބްރިޖުގެ އެންމެ ގޮންޖެގުން ބޮޑު މަސައްކަތެވެ. މާލޭގެ ރާޅުގަނޑާ ދިމާލުން ބްރިޖުގެ މަސައްކަތް ކުރާ އިރު، އެސަރަހައްދުގައި އޮއިވަރު ވެސް ގަދައެވެ. ތަނބު ޖެހުމަށް ގުދުރަތީ ގޮތުން އެކަހަލަ ހުރަސްތަކެއް ހުރި ނަމަވެސް، ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކޮމްޕެނީން ދަނީ އެ ހުރަސްތައް ގިރާކޮށް، ކަން ކުރަމުންނެވެ. އަދި އެކަން އަމަލުން ދައްކަމުންނެވެ.
ބްރިޖުގެ ތަނބުތައް ޖެހުމުން ގޮންޖެހުންބޮޑު މަސައްކަތް ނިމުނީއެވެ. ހަމަޖެހިލައިގެން ބާކީ ކުރި ކަންކަން ކުރެވޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ވެސް ބުނެއެވެ.
ބްރިޖު އެޅުމުގައި ބޭނުންކުރާ ވަގުތީ ބްރިޖަށް އަރާލުމަށާއި ބްރިޖު ސައިޓަށް ވަދެލުމުގެ ފުރުސަތު މިހާތަނަށް ދެމުން އަންނަނީ ނޫސްވެރިންނަށާއި ސަރުކާރުގެ އިސް ފަރާތްތަކާއި މެހެމާނުންނަށް އެކަންޏެވެ. މިދިޔަ ހޯމަ ދުވަހު ނޫސްވެރިން ދެވަނަ ފަހަރަށް ބްރިޖު ސައިޓަށް ގެންދިޔަ އިރު، ދައުލަތުގެ ބައެއް ވަޒީރުން ވެސް ބްރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ވަޑައިގަތެވެ. ރާޅުގަނޑުން ފެށިގެން މާލެއާ ހުޅުލެއާ ދެމެދު އޮންނަ ކަނޑުއޮޅީގެ މަތިން ހިނގާފައި، ކަނޑުގެ މެދުން ވަގުތީ ފާލަން ހުއްޓިފައިވާ ހިސާބާ ހަމައަށެވެ.
ޗައިނާ މޯލްޑިވްސް ފުރެއިންޑްޝިޕް، ބުރިޖުގެ މަސައްކަތްތައް ދިވެހި ނޫސް ވެރިންނަށް ދައްކާލުން--- ސަންފޮޓޯ/ފަޔާޒު މޫސާ
ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ރެޔާއި ދުވާލު ޗައިނާ މީހުން ކުރަމުންދާ މަސައްކަތަށް ދަތި ނުވާނެ ގޮތަކަށް ސްކޫލްކުދިންނަށާއި އާންމުންގެ ފަރާތްތަކަށް ވެސް ބްރިޖު ސައިޓުތައް އަމިއްލަ ލޮލުން ދެކިލަން އެތަނަށް ވަނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ.
އެ ނަސީބު ނުލިބޭ ފަރާތްތަކުން، ބްރިޖުގެ މަސައްކަތްތައް ބަލާލުމަށް އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން، ސަރުކާރަށް މަހު ކުލި ދައްކާ ގޮތަށް އަޑި ޕާކު ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ސިޑިބަރިއެއް ފަދައިން ބޮޑު ޕްލެޓްފޯމެއް އަޅަން ވަނީ ނިންމާފައެވެ. އެތަނުގައި ދުރުމީވެސް ބެހެއްޓުމަށް ނިންމާފައިވެއެވެ.
ހައުސިންގް މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކީ ވެސް ވީހާވެސް ގިނަ ރައްޔިތުންނަށް ބްރިޖުގެ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.
ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ ރައްޔިތުންނަށް ކޮށްދޭ ތާރީޚީ ޚިދުމަތަކަށް ވާތީއާއި އެކަމުގައި ބައިވެރިވެ، އެކަން ހިނގާ ގޮތް އާންމުންނަށް ވެސް ބެލުމުގެ ފުރުސަތު ލިބެން ޖެހޭތީއެވެ.
ސަރުކާރުގެ ޕްލޭނުގައިވާ ގޮތުން، ބްރިޖުގެ މަސައްކަތް 2018 ސެޕްޓެމްބަރަށް ނިންމަން ޖެހެއެވެ. ނަމަވެސް ތާވަލަށް ވުރެ ވެސް ކުރީގައި އުޅޭ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކޮމްޕެނީން ބުނަނީ ސެޕްޓެމްބަރަށް ވުރެ ކުރިން މަސައްކަތް ނިންމާލާނެ ކަމަށެވެ.
މިވަގުތަށް ޗައިނާ މީހުން އެދެނީ ދިވެހީންގެ އިތުބާރު ލިބުމަށެވެ.
"ޕްރޮޖެކްޓުގެ މަސައްކަތައިގެން ކުރިޔަށް މި ދަނީ. ހުރިހާ ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާ. މި ބްރިޖު ސެޕްޓެމްބަރު 2018 ގެ ނިޔަލަށް އަޅުގަނޑުމެން ނިންމާލާނަން،" ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު ވިދާޅުވިއެވެ.