މާލޭ ސަލްޓަން ޕާކުގެ އިރުދެކުނު ކަންމަތީގައި ހުރި ކަޅުވަކަރު މިސްކިތް ގދ. ތިނަދުއަށް ގެންދިޔުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު އާއި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ހުށަހެޅުއްވި މައްސަލާގައި އެދިފައިވާ ވަގުތީ އަމުރާ މެދު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކަށް ރިއާޔަތްކުރާއިރު، އެ ދެ ބޭފުޅުންނަކީ އެފަދަ އަމުރަކަށް އެދުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ބައެއް ނޫން ކަމަށެވެ.

އެ ދެ ބޭފުޅުންނަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނެތް ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ވަނީ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތޯރިގާއި ހުސައިން ރަޝީދަށް ލިބޭނެ އިއާދަނުކުރެވޭނެ ލިބިދާނެ އިއާދަ ނުކުރެވޭނެ ގެއްލުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރުގައި އެދިފައިވާ ފަދައިން މައްސަލަ ބަލައި ނިމެންދެން، ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތުގެ ބައިތައް މާލެއިން ބޭރަށް ނުގެންދިޔުމަށާއި އެބައިތައް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި ރައްކާކޮށް ބެހެއްޓުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.

ކަޅުވަކަރު މިސްކިތަކީ 200 އަށްވުރެ ގިނަ އަހަރުވެފައިވާ ތާރީޚީ ބިނާއެކެވެ. ރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ގާނޫނާ ޚިލާފަށް އެ އާސާރީ ބިނާ ރޫޅާލައި މާލެއިން ވަކިކުރުމަކީ، އެ ގައުމީ ތަރިކައިގެ އަސްލު ގެއްލި އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ވާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ދެ ބޭފުޅުންގެ ފަރާތުން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.