06 Oct 2016, 02:09
ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގަށް ދެމުންއައި ސަބްސިޑީ ކަނޑާލުމުން އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ދަތިކަމެއް އިހުސާސް ނުވަނީސް އެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ރިފާއު ވިދާޅުވީ، ސަބްސިޑީ އުނިކުރުމުގެ ސަބަބުން ހަގީގަތުގައި ރައްޔިތުންނަށް އޭގެ ގެއްލުމެއް ނުވާނެ ކަމަށާއި ސަރުކާރުން ވެސް ރައްޔިތުންނަށް ގެއްލުމެއްވާނެ ނަމަ އެގޮތަކަށް އެކަން ނުނިންމަވާނެ ކަމަށެވެ.
"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް މީގެ އިހުސާސް ވިޔަނުދީ އަޅުގަނޑުމެން މިއަށް ހައްލުތަކެއް ހަމަފެނިގެންދާނެ. އެހެންވީމަ ކެއްތެރިކަމާ އެކުގަ ތިއްބަވާށޭ، ތިބޭފުޅުން ބޭކާރުގޮތުގަ އެއްވެސް ކަމަކާ ނުލާ ޕްރެޝާތަކެއްގެ ތެރެއަށް ނުވެއްޓޭށޭ،" ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ ރައީސް ޔާމީން އެފަދަ ނިންމުމެއް ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.
މާދަމާ ވެސް ރިޔާސީ ޓިކެޓެއްގައި ވާދަކުރައްވައި ރައްޔިތުންގެ ވޯޓުން ވެރިކަމަށް ހޮވިގެންދާ އިރު، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަކަށް ނުވަތަ ދަތިތަކެއް ކުރިމަތިވާނެ ގޮތަކަށް ރައީސް ޔާމީން އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށް ރިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަބްސިޑީ ކަނޑާލުމުން އެއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ކަމަށާއި ފައިސާ އިން އާދައިގެ އާބާދީއެއް އޮންނަ ދެ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްކުރެވޭނެ ކަމަށެވެ. އެހެންކަމުން ސަބްސިޑީ ކަނޑާލުމުން ފައިދާ ވަނީ ރައްޔިތުންނަށް ކަމަށް ރިފާއު ވިދާޅުވިއެވެ.
މިހާރުވެސް ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ ބައެއް މަޝްރޫތަކަށް ކައުންސިލްތަކުން ދަތިތައް ކުރިމަތި ކުރުވާ ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބު މި ސަރުކާރަށް ކާމިޔާބު ކޮށްދީފިނަމަ ތަރައްގީ ދެގުނަ އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.