އދ.ގެ ތަރައްގީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން ވަރަށް ގިނަ ފައިދާތަކެއްކޮށްފި ކަމަށާއި ރާއްޖޭގެ ލާބަޔާއި މަންފާއަށްޓަކައި ކުރިއަށް އޮތްތާނގައިވެސް ޔޫއެންޑީޕީ އާއެކު މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވެވި ޚާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވަނީ ވޭތުވެދިޔަ 38 އަހަރު ރާއްޖޭގެ ތަރައްޤީއަށް، ޔޫއެންޑީޕީ އިން ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަމުންދިޔަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ފަގީރުކަން ނައްތާލުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސުލްހަވެރި މުޖުތަމަޢުއެއް ގާއިމްކުރުމަށާއި، ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި ފައިސާގެ އެހީތެރިކަމާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔޫއެންޑީޕީ އަކީ ނާޒުކު ހާލަތްތަކުގައިވާ ގައުމުތަކަށް، ތަރައްޤީގެ މަގުގައި އެހީތެރިކަން ފޯރުކޮށްދޭ ބައިވެރިންނަށް ފެންނަން ހުރި ލާމަސީލު މިސާލެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ޔޫއެންޑީޕީއާ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔައީ މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސް ގެ އަށް ލަނޑުދަނޑީގެ ތެރެއިން ފަސް ލަނޑުދަނޑި ހާސިލްކުރުމަށް ދެފަރާތުން ގުޅިގެން ކުރި މަސައްކަތްތަކު ތެރޭގައިކަން ޖިހާދު ފާހަގަކުރެއްވިއެވެ. އަދި، މިދަނޑިވަޅުގައި ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް މި ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެމަނިކުފާނ ވަނީ ޔޫއެންޑީޕީ އަށް ޝުކުރު ދެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސްގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ގިނަ ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި، ރާއްޖޭގެ ތަރައްގީގައި މި ފިލާވަޅުތަކުގެ ބޭނުން ހިފޭނެކަމަށެވެ.