06 Oct 2016, 10:11
ދުނިޔޭގެ ގައުމުތަކަށް މިއަދު އޮތް އެންމެ ބޮޑު ބިރަކީ ޓެރަރިޒަމްގެ ހަމަލާތަކެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެނުރައްކާތެރިކަން އިންތިހާއަށް އޮތްއިރު ރާއްޖެއާއި ކައިރި ގައުމުތަކުގައިވެސް ކައިރި ކައިރީގައި އެކަންތައްތައް އެބަހިނގައެވެ. ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި ރެސްޓޯރެންޓެއްގައި އިސްލާމިކް ސްޓޭޓުން އެތައް ބައެއް ރަހީނު ކުރުމާއި ތައިލެންޑްގައި ދިވެހިން އުޅޭ ސަރަހައްދެއްގައި ދާދިފަހުން ބޮންގޮއްވާލި މައްސަލަ ފާހަގަކޮށްލެވެއެވެ. އެފަދަ އެތައް ހަމަލާއެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދެމުންދާއިރު މިއީ ރާއްޖެއަށް އޮތް ބިރެކެވެ.
ދިވެހި ރާއްޖެއަކީ ނާޒުކު އިގްތިސާދެކެވެ. ބޮޑަށް ބަރޯސާވެފައިމިވަނީ ޓޫރިޒަމަށެވެ. މުޅި ދުނިޔެއަށް ސުވަރުގޭގެ ގޮތުގައި ރާއްޖެ ވިއްކަމުން މިދަނީ އަމާންކަމުގެ ސަބަބުންނެވެ. ޓެރަރިސްޓް އެންމެ ހަމަލާއަކީ މުޅި އެސިނާއަތް ހުއްޓުމަކަށް އަތުވެދާނެ ކަމެކެވެ. އެއީ ގައުމު އަނދަވަޅަކަށް ވެއްޓޭނެ ސަބަބެކެވެ. ރާއްޖޭގައި މިހާތަނަށް އެފަދަ ގިނަ ހާދިސާތަކެއް ހިނގާފައި ނެތަސް އެކަމަށް ތައްޔާރުވާންޖެހެއެވެ. އެމަަސައްކަތް އެބަކުރެވެއެވެ.
ކައުންޓާ ޓެރަރިޒަމް ގާނޫނުން ފުލުހުންގެ މައްޗަށް ވަރަށް ގިނަ މެންޑޭޓްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން އެފަދަ މައްސަލަތައް ތަހުގީގު ކުރުމާއި ކުށް މަދު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ގާނޫނީ ބާރު ވަނީ ދީފައެވެ.

"ތަފާތު އެކިއެކި ދިމަދިމާލުގައި ޓެރަރިޒަމްގެ އަމަލުތައް އިތުރުވެގެންދާ ދުވަސްވަރެއްގައި އަޅުގަނޑުމެން ފުލުހުން އެކަމަށް ގާބިލް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދިވެހި ފުލުހުން ދަނީ ކުރަމުން،" ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު އަލީ ވިދާޅުވިއެވެ.
ރާއްޖޭގެ އަމާންކަން ގާއިމް ކުރުމަށް ސަލާމަތީ ބާރުތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޓެރަރިޒަމްގެ ހަމަލާތައް ހުއްޓުވުމަށް މިހާރަކަށް އައިސް ދަނީ ވަރަށް ބޮޑަށް ފޯކަސް ކުރަމުންނެވެ.
ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ގުޅުމަށް ހަދާ ޓުރެއިނިންގައިވެސް ކުރިއަށްވުރެ ބޮޑަށް ޓެރަރިޒަމްއަށް ތަމްރީން ކުރަމުން އަންނައިރު ފުލުހުންގެ އެކިއެކި ދާއިރާތައް ޓެރަރިޒަމްއަށް ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމް ކުރުމަށް ފުލުހުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަބަދުހެން އަންނަނީ ތަމްރީނުތައް ހިންގަމުންނެވެ. އެސިލްސިލާގެ ދަށުން މިމަހުގެ ފުރަތަމަ ތިން ދުވަހު ވަނީ ޓެރަރިޒަމްއަށް ހާއްސަ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ހިންގާފައެވެ. އެތަމްރީނުތަކުގައި އޮަޕަރޭޝަންއަށް ދާ ފުލުހުންގެ އިތުރުން ތަހުގީގް ކުރާ ފުލުހުންނާއި ގުޅުންހުރި އެހެން ދާއިރާތަކުގެ ފުލުހުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި އެފަދަ ހަމަލާއެއް ކުރިން ދެނެގަތުމަށް އިންޓެލިޖެންސްވެސް ވަނީ ތަމްރީންކޮށްފައެވެ.
"އަޅުގަނޑުމެން ބޮޑަށް ކުރިއަށް މިގެންދިޔައީ ޓެރަރިޒަމްގެ ހަމަލާއެއްގައި ކިހިނެއްތޯ ބަލާފާސްކުރާނީ އަދި ކިހިނެއްތޯ އެމީހުން ހައްޔަރުކުރާނީ، އަދި އެކަމަށް ބޭނުންވާ އިންޓެލިޖެންސް މައުލޫމާތު އެއްކޮށްގެން ސަވައިލަންސް ލައިގެން ކިހިނެއްތޯ އެމީހުންގެ މައުލޫމާތު އިތުރަށް ދެނެގަނެ އޮޕަރޭޝަން ކުރިއަށްގެންދާނީ،" ހަމްދޫން ވިދާޅުވިއެވެ.
ދިވެހި ގައުމަށް ގެއްލުމެއް ދިނުމަށް ޓެރަރިސްޓް ހަމަލާއެއް ދޭ ބައެއްގެ އެންމެ ބޮޑު އަމާޒަކަށް ވާނެ އެއް ދާއިރާއަކީ ޓޫރިޒަމްއެވެ. ނުވަތަ އަމާން އޮމާން ދިރިއުޅުމެއް އުޅެމުންދާ އަތޮޅުތެރެއެވެ. އެހެން ކަމުން އެފަދަ ހަމަލާތަކުން އެސަރަހައްދުތައް ދުރާލާ ރައްކާތެރިކުރުމަށް މިވަނީ ފިޔަވަޅުތަކެއް އަޅަންފަށާފައެވެ.

"ރިސޯޓްތަކުގައި މިކަހަލަ ހާދިސާއެއް ހިނގައިފިއްޔާމު ކިހިނެއްތޯ އަޅުގަނޑުމެން ހަރަކާތްތެރިވާނީ، އަދި އަތޮޅުތެރޭ މިކަހަލަ ކަމެއް ހިނގައިފިނަމަ ކިހިނެއްތޯ އަޅުގަނޑުމެން ހަރަކާތްތެރިވާނީ އަދި ކިހިނެއްތޯ އަޅުގަނޑުމެން އަތޮޅު ތެރޭގައި ހުރި ޕޮލިސް ސްޓޭޝަންތަކުން ކުރިއަށްދާނީ މިކަމަށްވެސް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ތަމްރީނުތަކެއް ރޭވިފައިވަނީ،" ހަމްދޫން ވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކުން ޔަގީންކަން ދޭގޮތުގައި ޓެރަރިސްޓް ހަމަލާތަކަށް އެފަރާތްތައް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި ގާބިލްކަން އިތުރު ކުރުމަށް ކޮންމެ ދުވަހަކުހެން ދަނީ މަސައްކަތްތައް ކުރަމުންނެވެ. ރާއްޖެއާއި ގުޅެގޮތުން ދެކެވޭ ޓެރަރިޒަމްގެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަރަކާތެއް ހިންގުމުގެ ޖާގަ ނެތް ކަމަށް ބުނެއެވެ.
ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ގައުމުގެ އަމާން ކަމާއި މިނިވަން ކަމެވެ. ދުނިޔެއަށް އަންނަ އެކިއެކި ބަދަލުތަކާއެކު ހަމަނުޖެހުންތަކުގެ އަސަރު ރާއްޖެއަށްވެސް ދަނީ ފޯރަމުންނެވެ. އަވައްޓެރި ގައުމުތަކުގައި ޓެރަރިޒަމް އެތައް ހަމަލާއެއް ދެމުންދާއިރު މިއީ ރާއްޖެއިން ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ސަލާމަތީ ބާރުތަކުން ބުނަނީ އެކަމަށް ތައްޔާރު ކަމަށެވެ.