05 Oct 2016, 22:22
ލ. އިސްދޫގައި މިއަދު ހެނދުނުން ފެށިގެން ކަރަންޓް ނެތްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އިސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ލުތުފީ "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު 10:00 އިން ފެށިގެން އެރަށުގައި ކަރަންޓު ނެތް ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
ލުތުފީ ވިދާޅުވި ގޮތުގައި އެރަށުގައި ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރަނީ ދެ އިންޖީނެވެ. އެއީ 80 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 160 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދެ ޖަނަރޭޓަރުން 160 ކިލޯވޯޓްގެ ޖަނަރޭޓަރު މިހާރު ހުރީ ހަލާކުވެފަ. އެހެންވީމަ ކަރަންޓު ދޭން މިޖެހެނީ 80 ގެ ޖަނަރޭޓަރުން. އެއިން މުޅި ރަށަށް ބޭނުންވާ ވަރަކަށް ކަރަންޓެއް ނުނެގޭ،" ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވި ގޮތުގައި ޖީސީއޯލެވެލްގެ ޓެސްޓުތައް ހަދާއިރު ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ކަރަންޓު ދެމުން އަންނަނީ ހަމައެކަނި އެރަށު ސްކޫލަށެވެ.
އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް "ސަން" އަށް ވިދާޅުވީ، އިސްދޫގައި ހުރި ޖަނަރޭޓަރަށް ދިމާވި މައްސަލައަކީ އޭގެ ފިއުލް ޕަމްޕް ހަލާކުވުން ކަމަށެވެ.
ފުރަތަމަ މަސައްކަތް ކުރީ އެ ޖަނަރޭޓަރު ހަދަން ކަމަށާއި ނަމަވެސް ހެދޭގޮތް ނުވުމުން މިހާރު އެއަތޮޅު ގަމުގެ މުކުރިމަގު އަވަށުގައި ހުރި ޖަނަރޭޓަރެއް އިސްދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި 350 ކިލޯވޮޓްގެ ޖަނަރޭޓަރެއް އިސްދުއަށް ގެންނަން އެކުންފުނިން މާދަމާ ކުންފުންޏަކާ ހަވާލުކުރާނެއެވެ. އަދި ހަވާލުކުރާތާ އެއް ދުވަސްފަހުން ޖަނަރޭޓަރު ލިބޭނެ ކަމަށާއި ހަފްތާއެއްހާ ދުވަސްތެރޭގައި އެ ޖަނަރޭޓަރު އިސްދޫއަށް ގެންގޮސް އިންސްޓޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިގޮތުގައި އެ ޖަނަރޭޓަރު ގެނައުމާ އެކު އިސްދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ.