ރާއްޖޭގައި އެންމެ ފޯރިއާ އެކު ކުރިން ކުރިއަށްދިޔަ އެންމެ ބޮޑު އަދި ކާމިޔާބު ކުޅިވަރުގެ ހަރަކާތަކީ "ސްޕޯޓްސް ފޯ އޯލް"ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮގްރާމެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަރުކާރުން އަލުން އެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމި ނިންމުމަކީ ދިވެހި ޒުވާނުން އަދި ކުޅިވަރު އާއިލާތަކަށް ލިބުނު ވަރަށް އުފާވެރި ހަބަރެކެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަކީ އެންމެންނަށް ވެސް ހުޅުވާލައިގެން ކުރިއަށްދިޔަ މުބާރާތެކެވެ. އެގޮތުން މި އަހަރު އަލުން ފަށަން ނިންމި އެ ޕްރޮގްރާމް ކުރިއަށް އޮތްތާ ވެސް އެންމެންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ނިންމާފައިވެ އެވެ.

ގިނަ ކުޅިވަރުތަކެއް ހިމަނައިގެން ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2001 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ އެ ޕްރޮގްރާމް ފަނޑުވާން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފެށިގެން އައުމާއެކު އެވެ. ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރު ނިމި، 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރު ފެށުމާއެކު ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަކީ ކުރިއަށްދާ ޕްރޮގްރާމެއް ކަން ވެސް އާންމުންނަށް އެނގޭގޮތެއް ނުވި އެވެ. އެ ޕްރޮގްރާމް އޭރު އެއްކޮށް ނިމުމަށް ގެނެސްފައިވަނީ 2012 ވަނަ އަހަރު އެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ބޭއްވުމަށް ފުވައްމުލަކުގައި ކުރިއަށްދިޔަ ތައްޔާރީތަކުގެ ތެރެއިން: އެ ޕްރޮގްރާމް މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށްދާނެ --- ފޮޓޯ: ޔޫތު މިނިސްޓްރީ

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން މާޒީގެ ޞަފްހާތައް ހުޅުވާލުމުން ފެންނާނެ އެވެ. ކުޅިވަރުގައި ރާއްޖޭގެ ނަން ދެކުނު އޭޝިއާގައި ވިދާލަން ފެށީ އެ ޕްރޮގްރާމުގެ ސަބަބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭރުގެ އެތުލީޓުންނަށް އަދި އާންމުންނަށް ވެސް ބޮޑެތި ފައިދާތަކެއް އޭރު ކުރި އެވެ. ދުޅަހެޔޮކަން ދެމެހެއްޓުމާއި އެކި ކުޅިވަރުތައް ކުޅުމުގެ ދޮރު ހުޅުވިގެންދިޔައީ އެ ޕްރޮގްރާމުގެ ސަބަބުންނެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް އަލުން ފެށުމަށް ސަރުކާރުން ނިންމި ނިންމުން ފާހަގަކޮށްލެވެނީ ކުއްލި ނިންމުމެއްގެ ގޮތުގައެވެ. ކުއްލިއަކަށް ވިޔަސް ސަރުކާރުން ނިންމި އެ ނިންމުމަކީ ކުޅިވަރުތަކުގެ ކުރިމަގަށް ލިބޭނެ އުޖާލާ ކަމަކަށް ވާނެ އެވެ. އެ ޕްރޮގްރާމަކީ ކުޅިވަރަށް ލިބޭނެ ބޮޑު ކާމިޔާބަކަށް ވާނެ އެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އަހަރު އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސިޓީއެއްގެ ދަރަޖަ ދެއްވި ޏ. ފުވައްމުލަކުގައެވެ. ފުވައްމުލަކު ސިޓީގައި އެ ޕްރޮގްރާމް ކުރިއަށްދާނީ މާދަމާ އާއި ހޮނިހިރު ދުވަހު އެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ބޭއްވުމަށް ފުވައްމުލަކުގައި ކުރިއަށްދިޔަ ތައްޔާރީތަކުގެ ތެރެއިން: އެ ޕްރޮގްރާމް މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށްދާނެ --- ފޮޓޯ: ޔޫތު މިނިސްޓްރީ

އެ ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހަދައި، ރަނގަޅު ފެށުމަކުން ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ އިރުޝާދާއެކު އެ މިނިސްޓްރީގެ މުވައްޒަފުން ބުރަ މަސައްކަތެއް ކޮށްފައިވެ އެވެ. އެ ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފުވައްމުލަކުގެ ކައުންސިލްތަކާއި އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ޔޫތު މިނިސްޓްރީން ފާހަގަކުރެ އެވެ.

"އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޓީމެއް ފުވައްމުލަކަށް އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހު. އެ ޕްރޮގްރާމް ފެށުމަށްޓަކައި އަޅުގަނޑުމެން ވާން ޖެހޭ ތައްޔާރީތައް ވަރަށް އަވަސް ސްޕީޑެއްގައި އަޅުގަނޑުމެން މިހާރު ނިންމާލައިފިން. މި ޕްރޮގްރާމުގެ މަގްސަދަކީ އެންމެންނަށް ވެސް ކުޅިވަރުތަކުގައި ބައިވެރިވެވޭނެ މަގުފަހިކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ މަގުފަހުކޮށްދިނުން،" ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން 'ސަން' އަށް ވިދާޅުވި އެވެ.

މި އަހަރު ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ފުވައްމުލަކުގައި ކުރިއަށްދާ އިރު، އަންނަ އަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ އެހެން އަތޮޅެއް ނުވަތަ ސިޓީއެއްގައެވެ. އެގޮތުން އަންނަ އަހަރު މާލޭ ސިޓީގައި އެ ޕްރޮގްރާމް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ޔޫތު މިނިސްޓްރީން ދެކެ އެވެ.

ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ބޭއްވުމަށް ފުވައްމުލަކުގައި ކުރިއަށްދިޔަ ތައްޔާރީތަކުގެ ތެރެއިން: އެ ޕްރޮގްރާމް މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށްދާނެ --- ފޮޓޯ: ޔޫތު މިނިސްޓްރީ

"މިހާރު ވެސް އަޅުގަނޑުމެންނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. ޕްރޮގްރާމް ފެށުމުގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ވާނީ ހުޅުވާލެވިފައި. މި ފަހަރުގެ ތަޖުރިބާއަށް ފަހު، އަންނަ އަހަރުގެ ޕްރޮގްރާމް މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ. މިހާރު ވެސް ފުވައްމުލަކުގައި ޕްރޮގްރާމްގެ ފޯރި އެކި ހިސާބުތަކުން ފެންނަމުން އެބަދޭ،" އަމީން ވިދާޅުވި އެވެ.

ފުވައްމުލަކު މިސްކިތްމަގު ސްޓޭޑިއަމްގައި ބާއްވާ ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމުގައި ކުރިއަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި ފުޓްސަލް އާއި، ވޮލީބޯޅަ އާއި، ނެޓްބޯޅަ އާއި، ބަށިބޯޅަ އަދި ވޯޓާ ޕޯލޯ ހިމެނެ އެވެ. އޭގެ އިތުރުން ހޮނިހިރު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކުރިން ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ވެގެންގޮސްފައިވަނީ ވަރަށް މަގްބޫލު ޕްރޮގްރާމެކެވެ. ކުރިއަށްއޮތްތާ އެންމެންނަށް ހުޅުވާލައިގެން ފޯރިއާއެކު އިތުރު މެދުކެނޑުމެއް ނެތި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެވެ. އެގޮތުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުންނާއި ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަށް ގެންދަން ބޭނުންވާ ފަރާތްތަކުންނާއި ކުޅިވަރު ކްލަބު ޖަމިއްޔާތަކުން ވެސް ބޭނުންވާނީ އެ ޕްރޮގްރާމް މެދުކެނޑުމެއްނެތި ކާމިޔާބާއެކު ކުރިއަށް ގެންދިއުންކަން ޔަގީނެވެ.