ޗައިނާއިން އެފްރިކާގައި 752.7 ކިލޯމީޓަރުގެ އިލެކްޓްރިކަލް ރެއިލްވޭއެއް ގާއިމްކޮށްފިއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނި ގޮތުގައި އެ ރެއިލްވޭއިން އެފްރިކާގެ ޖީބޫޓީއާއި އިތިއޯޕިއާގެ ވެރިރަށް އައްޑިސް އަބާބާއާ ގުޅާލެވެލޭނެއެވެ. އެ ރެއިލްވޭގެ ސަބަބުން ރެއިލްވޭ ގުޅާލެވޭ އެފްރިކާގެ ގައުމުތަކަށް ދިމާވެފައިވާ ބިން ބަންދުވެފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެގައުމުގެ އިންޑަސްޓްރިއަލް ޕްރޮސެސްއަށްވެސް ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދުން ފެށިގެން އެ ރެއިލްވޭގެ ޚިދުމަތް ފަށާފައިވާއިރު ރެއިލްވޭއިން ދަތުރުކުރެވޭނެ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 120 ކިލޯމީޓަރެވެ. ހަތަރު ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓު ނިންމާފައިވަނީ ޗައިނާގެ ރެއިލްވޭ ގްރޫޕް އެންޑް ދަ ޗައިނާ ސިވިލް އިންޖިނޭރިންގ ކޮންސްޓްރަކްޝަން ކޯޕަރޭޝަން ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ޖުމްލަ ހަ އަހަރު ދުވަހުން ނިންމާލެވުނު އެ ރެއިލްވޭ ހަދާފައިވަނީ އެފްރިކާގެ އިގްތިސާދަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ރޭލްވޭ ގާއިމް ކުރި ކުންފުނިން ބުނެއެވެ.

މީގެ ކުރިން ޖީބޫޓީއާއި އިތިއޯޕިއާގެ ވެރިރަށް އައްޑިސް އަބާބާއާ ދެމެދު ކުރާ ދަތުރު ތަކުގެ ދިގު މިނަކީ ހަތް ދުވަހެވެ. ނަމަވެސް އެ ރެއިލްވޭ ގާއިމް ކުރެވުމާއެކު އެ ދެގައުމު ދެމެދުގައި ކުރާ ދަތުރު ތަކުގެ ދިގު މިން 10 ގަޑިއިރަށް ކުރުވާނެއެވެ.