ތާޖުއްދީން ސްކޫލްގައި އޮތް ފެއާއެއްގެ ތެރޭގައި ދި އިސްލާމްގެ ފޮޓޯގްރާފަރަކަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރަކު ބިރުދައްކައި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ތާޖުއްދީން ސްކޫލްގައި ރޭ އޮތް ފެއާގެ ބެލެނިވެރިންނާއި ހިރިޔާ ސްކޫލްގައި ކުރިއަށް ދިޔަ ދަރުސް އަޑުއަހަން ގޮސްތިބި ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން ތާޖުއްދީން ސްކޫލަށް ދިޔަ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ދި އިސްލާމްގެ ފޮޓޯގްރާފަރަކަށް އިންޒާރުދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ހިރިއްޔާ ސްކޫލްގައި ރޭ އޮތް ޝައިޚް މުހައްމަދު މޫސާގެ ދަރުސުގެ ފޮޓޯ ނެގުމުގައި ހަރަކާތްތެރިވި ދިއިސްލާމްގެ ފޮޓޯގްރާފަރު އިސްމާއިލް އަފްރާހު ބުނިގޮތުގައި ހިރިޔާ ސްކޫލްގައި ހުރެފައި އޭނާ ތާޖުއްދީން ސްކޫލަށް ދިޔައީ އެ ސުކޫލްގައި އޮތް ފެއާގައި ލަވަޖަހާ އަޑު ގަދަވެގެން، ދަރުސް އަޑުއަހަމުންދިޔަ ބައެއް މީހުންނަށް އުނދަގޫވެގެން އެ ސްކޫލަށް ދިޔުމުން ދެބައި މީހުންގެ މެދު ހިނގި ހަމަނުޖެހުންތަކުގެ ފޮޓޯ ނަގަން ކަމަށެވެ.

އަފްރާހު ބުނީ އޭނާ ތާޖުއްދީންގެ ފެއާއަށް ވަނީ އެތަނުގައި ހުރި ސެކިއުރިޓީންނަށް އޭނާގެ ފޮޓޯގްރާފަރު ފާސް ދެއްކުމަށްފަހު ހުއްދަ ލިބުމުން ކަމަށެވެ. އަދި ފޮޓޯ ނަގަން ހުއްޓާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަލާހާއި ފެއާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އިތުރު ބަޔަކު އޭނާ ހިފެހެއްޓުމަށްފަހު، ގަޔަށް އަތްލާ ކޮށްޕާލި ކަމަށެވެ. އަދި ބުނީ ސްކޫލްގެ އޮފީސް ތެރެއަށް އޭނާ ގެންގޮސް ފޮޓޯތައް ގަދަކަމުން ޑިލީޓްކުރުވާފައިވާ ކަމަށެވެ.

" ފޮޓޯ ނަގަން ހުއްޓާ ކެމެރާގައި ހުރި ހުރިހާ ފޮޓޯތަކެއް ޑިލީސްޓްކުރުވީ، އެކަންތައް ބޮޑު ކަންތައް ގަނޑަކަށް ހެދީ އެތަނުގައި އެންމެ އިސްކޮށް ހުރި މެމްބަރު ފަލާހު، ގަދަކަމުން ފޮޓޯތައް ޑިލީސްޓްކުރުވުމަށް ބިރު ދައްކާ ވެސް ހެދި، އެމީހުން ބުނީ އެއިން އެންމެ ފޮޓޯއެއް ފެނުނުނަސް ކޮށާލާނެ ކަމަށް، އެކަންތައްތައް ހިނގިއިރު ފުލުހުން ވެސް އެތަނުގައި ހަރަކާތްތެރިވި، ނަމަވެސް ފުލުހުން އައީ އޮފީސް ތެރޭގައި އެމީހުން އަރައިގަންނަން ހެދީމައި،" އަފްރާހު ބުންޏެވެ. އޭނާ އަދި ބުނީ ފޮޓޯތައް ގަދަކަމުން ޑިލީޓް ކުރިވި ފަހުން އެ ފޮޓޯތައް ރިކަވާކޮށްފައިވާނެ ކަމަށެވެ.

މީޑިއާ ފާހުގައި ތާޖުއްދީން ސްކޫލަށް ވަން ދި އިސްލާމްގެ ފޮޓޯގްރާފަރަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް މާލޭ ސިޓީގެ މެމްބަރު ފަލާހު ދޮގުކުރައްވަ އެވެ. ފަލާހު ވިދާޅުވީ ތާޖުއްދީން ސްކޫލްގައި ބެލެނިވެރިން ބޭއްވި ފެއާގައި އޭނާ ހުންނަވަނިކޮށް، ދި އިސްލާމްގެ ފޮޓޯގްރާފަރު ނެގި އޭނާގެ ފޮޓޯތައް ޑިލީޓް ކުރުމަށް އެދިވަޑައިގަތީ އެ ފޮޓޯތައް ނެގީ އޭނާގެ ހުއްދައެއް ނެތި ކަމަށްވާތީ ކަމަށެވެ.

" ނޫސްވެރިން ވެސް ޓިކެޓް ނަގައިގެން ވަންނަންވާނީ، ސެކިއުރިޓީންނަކަށް ވެސް ނޭނގޭ އޭނާ އަކީ މީޑިއާ ބޭފުޅެއް ކަމެއް. ފޮޓޯތައް ޑިލީޓް ކުރުމަކަށް އޭނާގެ އަތުން ކެމެރާއެއް ނާތުލަން، އަޅުގަނޑުމެން އިންޒާރެއް ވެސް ނުދެން، އެތަނަށް އައި ބަޔަކު އަޅުގަނޑުމެންނަށް އިންޒާރުދިނީ،" ފަލާހު ވިދާޅުވި އެވެ.

>> ހަބަރާ ގުޅޭ އޯޑިއޯ އަޑު އެއްސެވުމަަށް

Listen!